ޖޭއެސްސީއަށް ލަފާ ދިނުމަށް ފަނޑިޔާރުންގެ ބޯޑެއް

ޖުޑިޝަލް ސާވިސް ކޮމިޝަން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ސިޔާސަތު އެކަށައަޅާއިރު ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ ދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ބޯޑު އެކުލަވާލަން ނިންމީ ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި ޖުޑިޝަލްް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށްޓަކައި ކަމަށެވެ.

އެއާއެކު ޖޭއެސްސީން ބުނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ލަފާދޭ ބޯޑުގައި ނުވަ މެންބަރުން ހިމެނޭ ކަމަށެވެ.

އަދި މި ބޯޑު އެކުލަވާލަން ނިންމީ މިއަދު އެކޮމިޝަނުގައި ބޭއްވި ޖަލްސާގައި ކަމަށް ޖޭއެސްސީން ބުންޏެވެ.

މި ބޯޑުގައި ހިމެނެނީ:

  • އުއްތަމަ ފަނޑިޔާރު
  • ޖޭއެސްސީގެ ރައީސް
  • ހައިކޯޓުގެ އިސް ފަނޑިޔާރު
  • ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލު ކުރައްވާ ފަނޑިޔާރު
  • ހައި ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖޭއެސްސީގައި ތަމްސީލު ކުރައްވާ ފަނޑިޔާރު
  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖޭއެސްސީގައި ތަމްސީލުކުރައްވާ ފަނޑިޔާރު
  • ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާ ފަނޑިޔާރެއް
  • މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރެއް
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

މީގެއިތުރުން، މި ބޯޑުގެ މެންބަރުންގެ ތެރެއިން ހަތްވަނަ ނަންބަރާއި އަށްވަނަ ނަންބަރުގައި މެންބަރުން އައްޔަންކުރާނީ ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން އަހަރު އެއްފަހަރު ބަދަލުވާ ގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް