500،000 ރުފިޔާ ފޭރުނު މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

މެއި 13، 2021: ފުލުހުން މަގުމަތީގައި: --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލެޓެއްގެ ދަޅަ ދައްކައިގެން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ފޭރިގެން މައްސަލައިގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހު 13 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި ހިމެނޭ މީހާ އަތުން 500،000 ރުފިޔާ ފޭރިގެންފައިވަނީ ފުލެޓެއް ލިބިއްޖެ ކަމަށް ބުނެ، ބޭންކު އެކައުންޓާ ގުޅޭ ޒާތީ މައުލޫމާތު ހޯދައިގެންނެވެ.

ސްކޭމްގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފައެވެ. އެގޮތުން، ފުލުހުން މިއަދު ވެސް ވަނީ މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކުރިކަން ހާމަކޮށްފައެވެ. ފުލުހުން، ބުނީ އެ މައްސަލައިގައި ހިމެނޭ 1.67 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެގޮތުން، 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު 971 މައްސަލައެއް ވަނީ ރިކޯޑު ކުރެވިފައެވެ. އެކަމަކު، ހުށަހެޅުނު މައްސަލަ މަދުވި ނަމަވެސް ފައިސާގެ އަދަދުތައް ބޮޑުވާކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.

comment ކޮމެންޓް