ޔުކްރެއިންގެ އަވްދީވްކާ ރަޝިޔާގެ ބާރުގެ ދަށަށް، ނުވަ މަސް ތެރޭގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ

ހަނގުރާމައިގައި ހަރަކާތްތެރިވާ ޔުކްރެއިންގެ ސިފައިންގެ ބައެއް. ފޮޓޯ/ދަ ނިއު ޔޯކު ޓައިމްސް

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންޏެސްކުގެ ރަށެއް ކަމުގައިވާ އަވްދީވްކާއަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފިއެވެ.

ރަޝިޔާގެ ބާރުގެ ދަށަށް އަވްދީވްކާ ގެންދިއުމަކީ 2023 ވަނަ އަހަރުގެ މެއި މަހު ޔުކްރޭންގެ ބަޙްމުތު ސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު، ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ އަވްދީވްކާގައި ތިބި އެ ގައުމުގެ ފައުޖުތަކުން އެ ރަށުން ފައިބާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި އަދިވެސް ޔޫކްރެއިންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހު ފަށައިފައިވާ ރަޝިޔާ ޔުކްރެއިން ހަނގުރާމައަށް ގާތްގަޑަކަށް ދެ އަހަރުވާން ކައިރިވެފައިވާއިރު، ރަޝިޔާއިން އަންނަނީ ޔުކްރެއިންގެ ފައުޖުތައް ބަލިކަށިކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ޔުކްރެއިންގެ ސިފައިންގެ ފައުޖުތަކަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ މީހުންގެ އަތުން ހަތިޔާރު ހުސްވެފައިވުމެވެ.

ޔޫކްރެއިނަށް އެންމެ ގިނަ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. ނަމަވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް, ކޮންގްރެސްއަށް ހުށަހަޅައިފައިވާ ބިލު އަދިވެސް ފާސްނުވެ އޮތުމުގެ ސަބަބުން ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރައްވާ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.

ނަމަވެސް, ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ބައިޑަން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އަރުވައިފައެވެ.

އަންނަ މާރިޗު މަހު ރަޝިޔާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު, އަވްދީވް ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, ޕުޓިން ފަސޭހަކަމާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ.

comment ކޮމެންޓް