ހިޔާ ފްލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅި އެންމެންނަށް ފްލެޓް ދޭނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުން: ރައީސް ވިދާޅުވީ، ހިޔާ ފްލެޓު ލިބޭނެ ކަމަށް ފުރަތަމަ ގެޒެޓު ކުރި ލިސްޓުގައި ހިމެނޭ އެންމެންނަށް ފްލެޓު ދެއްވާނެ ކަމަށް -- ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިޔާ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްގައި ނަން ހިމެނި ފަހުން، ދެން އައި ސަރުކާރުން ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި ހުރިހާ އެންމެންނަށް ފްލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ގދ.ގައްދޫ، މާފެހި، މުޙައްމަދު ޝުހައިލް ވަނީ ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިފައެވެ.

"ރައީސްގެ ހައުސިން މިނިސްޓްރީ ކަމުގައި ހިޔާ ސަރަހައްދުން ދިން ފްލެޓްތަކަށް ހައުސިން މިނިސްޓްރީއިން ތައްގަނޑު ޖަހާފައި ހުރި ފްލެޓްތަކަށް ރައީސްގެ ރިޔާސީ ވައުދެކޭ އެއީ އެންމެ ފުރަތަމަ ދޭ ފްލެޓްތަކުގެ ތެރެއިން ގޮތެއް ހޯދަދޭނަމޭ. އެހެންވެ، އެ ނިކަމެތި ރައްޔިތުންނަށް މި ކަމުގައި އަވަސް ޖަވާބެއް ދެއްވުން އެދެން،" ޝުހައިލް ބުންޏެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވައުދުވި ފަދައިން ކުރިން ހިޔާ ލިބޭނެ ކަމަށް ގެޒެޓްގައި ނަން ހިމެނި އެންމެނަށް ފެލްޓް ހަމަޖައްސަވާ ދެއްވާނެ ކަމަށެވެ.

"މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫއުގެ ތެރެއިން ކުރީގަ ފްލެޓް ލިބޭނެ ކަމަށް ގެޒެޓްގައި ނަން ހިމެނިފައި، އެހެންނަމަވެސް ފްލެޓް ނުލިބޭނެ ކަމަށް ފަހުން ކަނޑައެޅި ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ ފްލެޓް ހަމަޖައްސާދޭނެ ކަމުގެ ޔަގީންކަން ދެން،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަަމަ އެއް މަޝްރޫއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފެށި ހިޔާ މަޝްރޫއެވެ. އެ މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށް، އެ ސަރުކާރުން ހިޔާ ފްލެޓު ލިބޭ މީހުންގެ ލިސްޓު ގެޒެޓުކޮށް، ބައެއް މީހުންނަށް ލިޔުން ވެސް ދިނެވެ.

އެއަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، އެ ފްލެޓުތައް ދީފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ އެ މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލިއެވެ. އެ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެކުލަވާލި ލިސްޓުގައި ކުރީގެ ލިސްޓާ އަޅާ ބަލާއިރު ތަފާތުތަކެއް ހުއްޓެވެ.

އެ ލިސްޓު އާންމުކުރުން، އެއީ ބާތިލު ލިސްޓެއް ކަމަށް ވިދާޅުވެ އޭރު ރައީސް މުއިއްޒު ފާޑުވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ މަޝްރޫއެވެ. އެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް މި ސަރުކާރުން ވަނީ ރާވައިފައެވެ.

comment ކޮމެންޓް