ބްރެންޓްފަޑް ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް

ސަލާހް ކާމިޔާބު ކުރި ލަނޑަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ/ ދި ޓެލެގްރާފް

އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އުޅޭ ލިވަޕޫލުން ބްރެންޓްފަޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑާވިން ނޫނޭޒެވެ. އެ ޓީމުގެ ދެވަނަ ލަނޑު 55 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ޞަލާޙެވެ. ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ޞަލާޙެވެ.

އޭނާ މިހާރު ވަނީ 30 މެޗެއްގައި ލަނޑު ޖަހައި އެސިސްޓްކޮށްފައެވެ. އެއް މެޗެއްގައި ލަނޑު ޖަހާ އެސިސްޓް ކޮށްދިން ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ކުރީގެ ކުޅުންތެރިޔާ ވޭން ރޫނީއެވެ. އެއީ، 36 މެޗުގައެވެ. ޞަލާޙް އުޅެނީ މި ލިސްޓުގެ ހަތަރުވަނައިގައެވެ.

ބްރެންޓްފަޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖެހީ 75 ވަނަ މިނެޓުގައި އިވާން ޓޯނީއެވެ. ލިވަޕޫލުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ.

މެޗުން މޮޅުވި ނަމަވެސް ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑިއޮގޯ ޖޮޓާއާއި ކާޓިސް ޖޯންއަށް ވެސް ވަނީ އަނިޔާވެފައެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު ވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އަދި، ބްރެންޓްފަޑް އުޅެނީ 25 ޕޮއިންޓާ އެކު ތާވަލްގެ 14 ވަނައިގައެވެ.

comment ކޮމެންޓް