ހަނގުރާމަ ހުއްޓައިލަން ގޮވައިލި ނަމަވެސް އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެނީ

އިސްރާއީލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލައިފައިވާ އިމާރާތެއްގެ ކައިރީގައި ތިބި ބައެއް. ފޮޓޯ/ސީއެންއެން

ހަނގުރާމަ ހުއްޓައިލަން ގޮވައިލި ނަމަވެސް އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފިއެވެ.

އެގޮތުން އެމެރިކާއިން މިހާރުވެސް އަންނަނީ ބޮމާއި އެ ނޫން ވެސް ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދޭން ތައްޔާރުވަމުން ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މިހާރު ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަ ހަތިޔާރުގެ އަގު އެތައް މިލިއަން ޑޮލަރަކަށް އަރައެވެ. ނަމަވެސް ހަތިޔާރު ފޯރުކޮށްދިނުމަށް ހުށަހަޅައިފައިވާ ހުށަހެޅުން އަދިވެސް އަންނަނީ މުރާޖާ ކުރަމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެކަމާގުޅިގެން އެމެރިކާގެ އެއްވެސް ރަސްމީ އިދާރާއެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.

އިސްރާއީލަށް ހަތިޔާރު ވިއްކުމާމެދު މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ދެ ފަހަރެއްގެ މަތިން އެމެރިކާގެ ކޮންގްރެސްއިން ވަނީ މަޝްވަރާކޮށްފައެވެ.

އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާއިރު، މާލީ ގޮތުންނާއި އަސްކަރީ ގޮތުން އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންނެވެ. އެކަމަށްޓަކައި އެމެރިކާއަށް ބޮޑެތި ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

ޣައްޒާ ހަނގުރާމަ ފެށުނީ ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެކަމުގެ ބަދަލުގައި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 28،775 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގާތްގަޑަކަށް ދެ މިލިއަނެއްހާ މީހުންނަށްވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.

comment ކޮމެންޓް