'ޑަންގަލް'ގައި ބާބީތާގެ ރޯލު ކުޅުނު ސުހާނީ މަރުވެއްޖެ

ފިލްމު "ޑަންގަލް"ގެ ބަބީތާގެ ރޯލް ކުޅުނު ސުހާނީ-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިލްމު ކުންފުނިން 2016 ވަނަ އަހަރު އުފެއްދި ފިލްމު "ޑަންގަލް"އިން ކުޑަ ކުއްޖެއްގެ ރޯލް ކުޅުނު ސުހާނީ ބަޓްނާގަރު މަރުވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވާ ގޮތުން އުމުރުން 19 އަހަރުގެ ސުހާނީ މަރުވެފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ޑަމަޓޮމައިއަސައިޓިސްއަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ސުހާނީއަށް މި ބަލި ޖެހިފައިވާކަން އެނގުނީ މީގެ ދެ މަސް ދުވަސް ކުރިންކަމަށާއި ބައްޔަށް ފަރުވާ ހޯދުމުގެ ތެރޭ ހަށިގަނޑު އިންފެކްޓުވެ އޭގެ އަސަރު ފުއްޕާމެއަށް ކޮށްފައިވާ ކަމަށް ސުހާނީގެ ބައްޕައާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްއިން ވަނީ ބުނެފައެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދެރަވެ ހާލު ވަރަށް ގޯސްވެފައިވާ ކަމަށާއި ފަހުން ސުހާނީއަށް ފަރުވާ ދެމުންދިޔައީ ވެސް ވެންޓިލޭޓަރަށް ލުމަށްފަހު ކަމަށް ސުހާނީގެ ބައްޕަ ވަނީ ބުނެފައެވެ.

ސުހާނީގެ މަރުގެ ޚަބަރާއެކު އާމިރު ޚާންގެ ފިލްމު ކުންފުނިން ވަނީ ހާއްސަ ބަޔާނެއް ވެސް ނެރެފައެވެ. އާމިރު ޚާންގެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުހާނީއާ ނުލާ "ޑަންގަލް" ފުރިހަމަނުވީސް ކަމަށާއި ސުހާނީ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމުގައެވެ. އާމިރު ޚާންގެ އިތުރުން އެ ފިލްމުގެ ތަރިން ކަމަށްވާ ޒާރާ ވަސީމް އަދި ޑައިރެކްޓަރު ނިތޭޝް ތިވާރީ ވެސް ވަނީ ސުހާނީގެ އާއިލާއަށް ތައުޒިއްޔާގެ މެސެޖުތައް ފޮނުވާފައެވެ.

"ޑަންގަލް"ގައި އާމިރު ޚާންގެ ދެ ކުދިންގެ ރޯލް ކުޅުނު ސުހާނީއާއި ޒާރާ ވަސީމް އާމިރު ޚާންއާ އެކު-- ފޮޓޯ/ އިންޓަނެޓް

ސުހާނީ އަކީ ކިޔެވުމަށް ވަރަށް ތޫނުފިލި ކުއްޖެއް ކަމަށާއި ޒުވާން ބަތަލާ ދިޔައީ މާސް ކޮމިއުނިކޭޝަން ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުން ކަމަށް ސުހާނީގެ މަންމައާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. އޭނާގެ ހުވަފެނަކަށްވީ މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ފިލްމީ ދާއިރާއިން ކުރިއަށް ދިއުން ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ފިލްމު "ޑަންގަލް"ގައި ސުހާނީ ކުޅެފައިވަނީ އެ ފިލްމުގެ ލީޑް ރޯލް ކުޅުނު ބަތަލާ ސާންޔާ މަލްހޯތްރާގެ ޅަފަތުގެ ރޯލެވެ.

comment ކޮމެންޓް