މިދިޔަ 4 މަހު، އޮންލައިންކޮށް ފައިސާ ފޭރުމުގެ 333 މައްސަލަ

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފުލުހުން ބުނީ ޑިސެމްބަރުން ފެށިގެން މިހާތަނަށް 27 މިލިއަން ރުފިޔާ ސްކޭމްތަކުގައި ގެއްލިފައިވާ ކަމަށް -- ފޮޓޯ/ ފުލުހުން

އޮންލައިންކޮށް ފައިސާ ފޭރުމުގެ 333 މައްސަލަ ފާއިތުވި ހަތަރު މަސްތެރޭ ފުލުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިދިޔަ ޖެނުއަރީއާ ހަމައަށް އޮޅުވާލައިގެން އޮންލައިންކޮށް ފައިސާ ހޯދުމުގެ ޖުމްލަ 333 މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ.

އެފަދަ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮކްޓޯބަރު މަހެވެ. އެ މަހު މިފަދަ 107 މައްސަލައެއް މުޅި ރާއްޖެއިން ހުށަހަޅާފައިވާއިރު، ޖެހިގެން އައި ނޮވެމަބަރު މަހު ހުށަހަޅާފައިވަނީ 84 މައްސަލައެވެ. އަދި، ޑިސެމްބަރު މަހު 78 މައްސަލަ ހުށަހަޅާފައިވާއިރު ޖެނުއަރީ މަހު ހުށަހަޅާފައިވަނީ މިފަދަ 64 މައްސަލައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އޮޅުވާލައިގެން އޮންލައިންކޮށް ފައިސާ ހޯދި މައްސަލަ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލޭ ސިޓީންނެވެ. އެގޮތުން ހަތަރު މަސްތެރޭ މާލޭން މިފަދަ 157 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ޖެނުއަރީ މަހުގެ 31ވަނަ ދުވަހު ފުލުހުން ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް އެކަނި ވެސް ސްކޭމް މައްސަލަތަކުގައި 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޭމްގެ މައްސަލަތަކުގައި މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ ބަލާއިރު މަދު ކަމަށެވެ. އެގޮތުން، 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު ކުރެވިފައިވަނީ 971 މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ސްކޭމްތަކުގައި ވީ ފައިސާގެ ގެއްލުމުގެ އަދަދު 2022ވަނަ އަހަރަށް ވުރެ 2023 ގައި ބޮޑުވެފައި ވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި މަހު ވެސް އޮޅުވާލައިގެން އޮންލައިންކޮށް ފައިސާ ފޭރުމުގެ ބޮޑު ތިން މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އެގޮތުން މި މަހުގެ އަށްވަނަ ދުވަހު ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިނގިލީ މީހެއް އަތުން ދެ ލައްކަ ރުފިޔާ އަތުލި މައްސަލައަކާއި މިމަހުގެ 13 ވަނަ ދުވަހު ފުލެޓު ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅާފައެވެ. އަދި، ހީލަތުން 400 ޑޮލަރު ހޯދި މައްސަލައެއްގައި ދެ މީހަކު ހޯދަން ވެސް ފުލުހުން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.

comment ކޮމެންޓް