ލަސްވިޔަސް ޓްރެއިލާ މިއޮތީ، އޭޕްރިލް 12 ގައި އޮލިމްޕަހަށް!

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ ފިލްމު "ލަސްވިޔަސް"ގެ ޓްރެއިލާ އެންމެ ފަހުން އާންމުކޮށްފިއެވެ.

ލަސްވިޔަސްގެ ޓްރެއިލާއާއި ފިލްމާ ގުޅޭ އިތުރު ކޮންޓެންޓުތައް އާންމުކޮށްފައިވަނީ ރޭގައި މިކަމަށް ހާއްސަކޮށް ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ.

މި އިވެންޓުގައި އެންމެފަހުން ގިނަ ބަޔަކު ވެސް އިންތިޒާރު ކުރަމުން އަންނަ ފިލްމާ ގުޅޭ މަންޒަރުތަކެއް ބަލާލުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. ފިލްމުގެ ފުރަތަމަ ފުރިހަމަ ޓްރެއިލާ ހާމަކޮށްފައިވާއިރު މި ޓްރެއިލާއިން ފިލްމުގެ އެތައް މަންޒަރުތަކެއް ފެނިގެން ގޮސްފައިވެއެވެ.

ލޯތްބާއި، ހިތާމައިގެ އިތުރުން ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތަކަށް ފިލްމުގައި އަލިއަޅުވައިލާނެ ކަން ޓްރެއިލާއިން ވެސް ވަނީ ދައްކާލައިފައެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި، އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

މި ފިލްމުގެ ޓްރެއިލަރުން އެކްޓަރުންގެ ހުނަރާއި އެހެން އެކްޓަރުންނާ ދެމެދު އޮތް ކެމިސްޓްރީ ވަނީ ފެނިގެން ގޮސްފައެވެ.

ފިލްމުގެ ލޯންޗިން އިވެންޓުގައި ވަނީ ފިލްމުގެ ލަވައެއް ވެސް ރިލީޒްކޮށްފައެވެ. "ދުނިޔެ" ނަމަށް ކިޔާ މި ލަވަ ކިޔާފައިވަނީ ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަކިޔުންތެރިޔާ އާނިޔާއެވެ. މަޑުމައިތިރި މި ލަވައަކީ ކޮންމެ މީހަކަށް ވެސް އަޑުއަހާލަން ކަމުދާނެ ލަވައަކަށް ވާނެއެވެ.

ލަސްވިޔަސް ފިލްމުގެ ޕޯސްޓަރު ވެސް ވަނީ މި އިވެންޓުގައި އިއުލާނު ކޮށްފައެވެ. މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް