މެޓާގެ ތްރެޑްސްގައި މުޅިން އާ ފީޗާއެއް ''ޓްރެންޑިން ޓޮޕިކްސް''ގެ ނަމުގައި ޓެސްޓް ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މެޓާއިން އާ ފީޗާއެއް ޓެސްޓު ކުރަމުން އަންނައިރު، އެ ޕްލެޓްފޯމްގެ އެހެން އެޕްތަކުގައި ޓްރެންޑް ކުރަނީ ކޮން ކަހަލަ ވާހަކަތަކެއްތޯ ތްރެޑްސް ބޭނުންކުރާ މީހުންނަށް އެ ފީޗާއިން ބަލައިލެވޭނެއެވެ. މާނައަކީ އިންސްޓަގްރާމް އާއި، ފޭސްބުކްގެ ޓްރެންޑިން ޓޮޕިކްތައް ތްރެޑްސްގެ ޔޫޒަރުންނަށްވެސް ފެންނާނެއެވެ.
މި ފީޗާ ޓެސްޓްކުރުމުގެ ގޮތުން، އެމެރިކާގެ މިއަދުގެ އެންމެ މަގުބޫލު މައުޟޫއުތައް ނުވަތަ ޓްރެންޑްސް ޓޮޕިކްތައް ޓެސްޓް ކުރަން ފަށާފައިވާ ކަމަށް ތްރެޑްސްގައި ކުރި ޕޯސްޓެއްގައި މާކް ޒަކަބާގް ވަނީ ބުނެފައެވެ.
މެޓާ އިން ބުނީ މި ފީޗާގެ ސަބަބުން އެހެން މީހުން މަޝްވަރާ ކުރާ މައުޟޫއުތައް ވަގުތުން ފެންނާނެ ކަމަށާއި، މި ފީޗާ ސާޗް ބޮކްސްގައި ފެންނާނެ ކަމަށެވެ. އަދި އެޕްލިކޭޝަންގެ 'ފޯ ޔޫ' ފީޑްގައި ވާ ޕޯސްޓުތަކުގެ މެދުގައި މިފީޗާގެ ޓޮޕިކްތައް ފާހަގަ ކުރެވޭނެ ކަމަށެވެ.
އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ ވިދާޅުވި ގޮތުގައި ވަކި ޓްރެންޑްތަކެއް ކަނޑައަޅާނީ މެޓާގެ އޭއައި ސިސްޓަމްތަކުން، އެ ވަގުތު ތްރެޑްސްގައި މީހުން ދައްކާ ވާހަކަތައް ބަލައިގެންނެވެ.
މިފީޗާ ތަޢާރަފު ކުރުމުން ސިޔާސީ ކަންކަމާއި އިންތިޚާބުތަކާ ގުޅުން ހުރި ޓްރެންޑްތައްވެސް ފެންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެ ކުންފުނިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ، ޔޫޒަރުން އިޚްތިޔާރު ކޮށްގެން ނޫނީ އެ ކުންފުނީގެ ރެކޮމެންޑޭޝަންތަކުގައި ސިޔާސީ ކޮންޓެންޓް ނުފެންނާނެ ކަމަށެވެ. އެކަމަކު މެޓާއިން ވަނީ އޭގެ ޓްރެންޑިން ފީޗާއަށް ރެސްޓްރިކްޝަން ނުހިނގާނެކަން ކަށަވަރުކޮށްދީފައެވެ.
"ސިޔާސީ ކޮންޓެންޓަކީ މައުޟޫއަކަށް ވެދާނެ، ސިޔާސީ މައުޟޫއުތައް ނައްތާލާނީ އަޅުގަނޑުމެންގެ ކޮމިއުނިޓީ ގައިޑްލައިން ނުވަތަ އެހެނިހެން އެޕްލިކޭޓިވް އިންޓެގްރިޓީ ޕޮލިސީތަކާ ޅިލާފުވެގެން." މެޓާގެ ތަރުޖަމާނު ވިދާޅުވިއެވެ.
ޓްރެންޑިން ފީޗާއަކީ ތްރެޑްސް ބޭނުންކުރާ ގިނަ ބަޔަކު އެދޭ އަޕްޑޭޓެކެވެ. އެއީ އެވަގުތަކު އެންމެ މުހިންމު ކަންތައްތަކުގެ އަޕްޑޭޓްތައް ވަގުތުން ލިބެމުންދާނެ ގޮތެއް ހޯދުމަށެވެ.
މިފީޗާ އަދި އޮތީ ޓެސްޓިން މަރުހަލާގައި ނަމަވެސް ޒަކަބާގް ބުނީ މި ފީޗާ މިހާރަށް ވުރެ ފުރިހަމަކުރެވުމުން އިތުރު ގައުމުތަކުގައި އާއި ތަފާތު ބަހުރުވައިން ދައްކާ ވާހަކައިގައި ވެސް ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.