ހީލަތުން 400 ޑޮލަރު ހޯދި ކަމަށް ތުހުމަތުވާ ދެ މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައިގައި ހޯދަން އިއުލާނުކުރި ދެ މީހުން -- ފޮޓޯ/ ފުލުހުން

މަކަރާއި ހީލަތުން 400 ޑޮލަރު ހޯދި މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ހޯދަން މިއަދު ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ، މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާ ކަމަަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، ހާޒިރު ނުކުރެވިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ:

  • ޢަބްދުﷲ މުޙައްމަދު، ކ. މާލެ / މއ. ކެދިފަށުވިގެ (61އ)
  • އިސްމާޢީލް ޝިމާމް، ކ. މާލެ / މއ. ޑޯރެންސީވިލާ، (42އ)

ދެ މީހުން ފޮޓޯއާއި ވަނަވަރު އާންމުކޮށް، ފުލުހުން ވަނީ ތަހުގީގަށް ހާޒިރުވާން އަންގައިފައެވެ. ދެ މީހުން ހާޒިރުވާން އެދިފައިވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރާށެވެ.

ފުލުހަށް ހާޒިރުވާން އެންގުމުން ހާޒިރުނުވާ މީހުން ހާޒިރުވާން އަބަދު ވެސް އިއުލާނު ކުރެއެވެ.

މަކަރާއި ހީލަތުން 400 ޑޮލަރު ހޯދި މައްސަލައެއް ފުލުހުން ތަހުގީގުކުރާއިރު، ފުލެޓެއް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން 500،000 ރުފިޔާ ފޭރިގެން މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކަނި ވެސް ސްކޭމްތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެގޮތުން، 2022 ވަނަ އަހަރު ސްކޭމްގެ 1،081 މައްސަލަ ރިކޯޑު ކުރެވިފައިވާއިރު މިދިޔަ އަހަރު ރިކޯޑު 971 މައްސަލައެއް ވަނީ ރިކޯޑު ކުރެވިފައެވެ. އެކަމަކު، ހުށަހެޅުނު މައްސަލަ މަދުވި ނަމަވެސް ފައިސާގެ އަދަދުތައް ބޮޑުވާކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.

comment ކޮމެންޓް