ފުރޭތައިގެ ޓިކެޓު ދޫކުރަން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ފުރޭތަ"އިގެ ޓިކެޓު ދޫކުރަން ފަށައިފިއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވާލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ފުރޭތަ" އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

މި ފިލްމުގެ މަސައްކަތްތައް ނިމި މިހާރު ފިލްމު އަޅުވަން ތައްޔާރުވެފައިވާއިރު އޮންލައިންކޮށް ޓިކެޓް ދޫކުރުމުގެ މަސައްކަތް މިހާރު ޑާކްރެއިންއިން ވަނީ ފަށާފައެވެ. ޑާކްރެއިން ބުނެފައިވަނީ ފުރޭތަ ފިލްމުގެ ޓިކެޓް އޮންލައިންކޮށް ދޫކުރާނެ ކަމަށެވެ. އެގޮތުން 9911229 ނަންބަރަށް ވައިބާ ކޮށްލައިގެން ފިލްމުގެ ސީޓުތައް ބުކް ކޮށްލެވޭނެ ކަމަށް ޑާކްރެއިންއިން ވަނީ ހާމަކޮށްފައެވެ.

ޑާކްރެއިން ދާދިފަހުން ހާމަކޮށްފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފުރޭތަ އޮލިމްޕަހުން ދައްކަން ފަށާނެ ކަމަށެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަހުމަދު ޒިފާފެވެ.

މި ފިލްމާ އެކު މި އަހަރު އޮލިމްޕަސް މި ދަނީ ކޮންމެ މަހަކު ވެސް ބިޒީ ކޮށެވެ. މި އަހަރުގެ ޖެނުއަރީ މަހުގައި ރޮމްކޮމް ފިލްމު "މިއީ އިޝްގު" އެޅުވިއިރު މި މަހު ވަނީ ބިރުވެރި ފިލްމު "ކަންބަޅި" އަޅުވާފައެވެ. އަދި، އެއަށްފަހު އަންނަ މަހު ފުރޭތަ އަޅުވާއިރު އޭޕްރިލް މަހުގައި "ލަސްވިޔަސް" އަޅުވާނެއެވެ.

comment ކޮމެންޓް