ރެއާލްއިން ލެއިޕްޒިގް ބަލިކޮށްފި

ރެއާލްގެ ހަމައެކަނި ލަނޑު ޖަހާދިން ޑިއާޒް ލަނޑު ޖެހުމަށްފަހު / ފޮޓޯ: އެފްރިކާ ޓޮޕް ސްޕޯޓްސް

ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގްގައި ރެއާލް މެޑްރިޑާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ރެއާލް ކާމިޔާބު ކޮށްފިއެވެ.

ލެއިޕްޒިގްގެ ދަނޑުގައި ކުޅުނު މިމެޗު ރެއާލްއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި، ވަރަށް ހަމަހަމަ ކުޅުމެކެވެ.

އެ މެޗުގައި ގޯލަށް އަމާޒުކޮށް ދިން ހަމަލާ ގިނައީ ލެއިޕްޒިގްގެއެވެ. އެގޮތުން މިމެޗުގެ ދެވަނަ މިނެޓްގައި ލެއިޕްޒިގްގެ ބެންޖަމިން ސެސްކޯއިން ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް އެވަގުތު ރެއާލްގެ ކީޕަރު އަންޑްރެއި ލުނިން އަށް ހުރަސް އެޅޭގޮތަށް ލެއިޕްޒިގްގެ އެހެން ކުޅުންތެރިއެއް އޮފް ސައިޑް މަގާމެއްގައި ހުރުމުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ.

އެ މެޗުގައި ރެއާލްއަށް މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ޖޫޑް ބެލިންހަމްއަށް އަނިޔާވެފައިވުމުގެ ސަބަބުން ނުކުޅެވުނެވެ. އޭނާގެ ބަދަލުގައި މިމެޗުގައި ކުޅުނު ބްރަގީމް ޑިއާޒްއެވެ. އަދި މިމެޗުގައި ދެޓީމްގެ މެދުގައި ތަފާތަކަށް ފެނިގެންދިޔައީވެސް ޑިއާޒްގެ މޮޅު ކުޅުމެވެ. މިގޮތުން މެޗުގެ 48 ވަނަ މިނެޓްގައި މިމެޗުގެ ހަމައެކަނި ލަނޑު ރެއާލްއަށް ޑިއާޒް ކާމިޔަބު ކޮށްދިނީ ލެއިޕްޒިގްގެ ތިން ހަތަރު ކުޅުންތެރިން ނައްޓާލުމަށްފަހުއެވެ.

އެ މެޗުގެ ދެވަނަ ހާފުގައިވެސް ލެއިޕްޒިގްއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔަބު ކުރެވޭގޮތެއްނުވިއެވެ. އަދި ރެއާލްއަށްވެސް މިމެޗުގައި ދެވަނަ ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އެޓީމް ދެވަނަ ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ވިނީޝިއަސް ޖޫނިއާާ ފޮނުވާލި ހަމަލާގައެވެ. ނަމަވެސް އެހަމަލާ އަމާޒުވީ ލެއިޕްޒިގް ގޯލްގެ ދަނޑިއަށެވެ.

މިކާމިޔާބީއާއެކު މިދެޓީމްގެ މެދުގައި ރެއާލްގެ ދަނޑުގައި މިއަންނަ މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގަށް ނިކުންނައިރު ރެއާލްއަށް އޮތް އެޑްވަންޓޭޖް މިވަނީ ބޮޑުވެފައެވެ. ނަމަވެސް ލެއިޕްޒިގްއިން ދެއްކި ކުޅުމަށް ބަލާއިރު އެޓީމަށް ލިބޭ ފުރުސަތުތައް ނިންމާލުމަށް އިތުރު ސަމާލުކަމެއް ދީފި ނަމަ ދެވަނަ ލެގްގައި ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުންމީދު އެޓީމްގެ ސަޕޯޓަރުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް