ސިޓީއިން ރަށުން ބޭރުގައި ކޯޕެންހޭގަން ބަލިކޮށްފި

ސިޓީގެ ފުރަތަމަ ލަނޑަށް ފަހު އެޓީމްގެ ކުޅުންތެރިން އުފާފާޅު ކުރަނީ / ފޮޓޯ: ޔާހޫ ސްޕޯޓްސް

ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގްގައި އެންމެ ފަހުގެ ޗެމްޕިއަން މެން ޗެސްޓާ ސިޓީ އާއި އެފްސީ ކޯޕެންހޭގަން ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ކޯޕެންހޭގަންގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

އެ މެޗު ސިޓީން ފެށީ ވަރަށް ފޯރީގައެވެ. މިގޮތުން ރެފްރީގެ ކަށިގަނޑާއެކު ސިޓީއިންވަނީ ކޯޕެންހޭގަންގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. ނަތީޖާއަކަށްވީ ސިޓީއިން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. މިލަނޑު މެޗުގެ 10 ވަނަ މިނެޓްގައި އެޓީމަށް ޖަހައިދިނީ ކެވިން ޑި ބްރުއިނާއެވެ. މިލަނޑާއެކު ސިޓީއިން މިމެޗު ބޮޑު ތަފާތަކުން ކާމިޔަބު ކޮށްފާނެ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ކޯޕެންހޭގަންއިން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ސިޓީގެ ހަމަލާތައް ވަރަށް ރަނގަޅަށް ދިފާއު ކޮށްފައެވެ.

މީގެއިތުރުން ސިޓީގެ ކުރިއަށް ކުޅޭ އެއް ކުޅުންތެރިޔާ ކަމަށްވާ ޖެކް ގްރީލިޝްއަށް ފުރަތަމަ ހާފުގެ މެދުތެރެއިން އަނިޔާ ވެގެން ބާލަން ޖެހުމާއެކު ސިޓީއިން ކުޅެމުންދިޔަ ފޯރީގައި އެކުޅުން ދެމެހެއްޓޭގޮތެއްނުވިއެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި ސިޓީގެ ކީޕަރު އެޑަސަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކޯޕެންހޭގަންއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

އެ ލަނޑާއެކު ކޯޕެންހޭގަންއިން، މިސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް މިދަނޑުގައި ބަލިކޮށް ގިނަ ބަޔަކު އަނެއްކާވެސް ސިއްސުވާލާނެ ކަމަށް ހީވިއެވެ. ނަމަވެސް ސިޓީއިން އެކަމުން އަރައިގަނެ އަނެއްކާވެސް ހަމަލަ އުފައްދަމުންދިއުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ބެނާޑޯ ސިލްވާ ޖަހައިދިން ލަނޑަކުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގުމެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ސިޓީއިން ވަނީ ކޯޕެންހޭގަންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. ނަމަވެސް ސިޓީއަށް ލިބުނު ގިނަ ފުރުސަތުތައް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. މިމެޗުގައި ސިޓީއިން ކާމިޔަބު ކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި ޖަހައިދިނީ ފިލް ފޯޑެންއެވެ.

އެ ލަނޑާއެކު ސިޓީއިން ވަނީ މާޗް މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގަށް ނުކުންނައިރަށް، މިމެޗު ދެ ލަނޑުގެ ލީޑަކާއެކު ކާމިޔަބު ކޮށްފައެވެ. މިމެޗުން ކޯޕެންހޭގަން ބަލިވި ނަމަވެސް އެޓީމުންވެސް ވަނީ ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާކޮށް އެޓީމް ހާސް ކޮށްލާފައެވެ.

އެއީ ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި ކޮޕެންހޭގަންއިން ކުޅުނު ވާދަވެރި ފުރަތަމަ މެޗު ކަމުން ދެވަނަ މެޗުގައި އެޓީމްގެ ކުޅުން މިއަށްވުރެ ރަނގަޅު ވާނެކަމަށްވަނީ ބެލެވިފައެވެ.

comment ކޮމެންޓް