ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވައިފި

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރިއަށް ގެންދަނީ: ގުޅީފަޅު ހިއްކުން ހައިކޯޓުން ވަނީ ހުއްޓުވާފައި -- ފޮޓޯ/ ޕީއެސްއެމް

ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އެދި އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު ހުށަހެޅި މައްސަލައިގައި އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެނުދިނުމުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވަން އަމުރުކޮށްފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މައްސަލަ ނިމެންދެން މަޝްރޫއު ހުއްޓަން އަމުރުކޮށްފައެވެ.

ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވީއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި އޮތީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވެއެވެ.

comment ކޮމެންޓް