ބޭނުންނުކޮށްހުރި އުޅަނދުތައް ނައްތާލުމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި ހަލާކުވެފައިވާ ވެހިކަލްތަކެއް :ގިނަދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމަށް ފުރުސަތު ހުޅުވައިލައިފި -- ސަންފައިލް ފޮޓޯ

މާލެ ސަރަހައްދުގައި ގިނަ ދުވެސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް ނައްތާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި މަސައްކަތުގެ މަގުސަދަކީ މާލެއާއި ހުޅުމާލެ މަގުތަކުގައި ގިނަދުވަހު ބޭނުންނުކޮށްހުރި އުޅަނދުތަކުން މަގުމަތި ފުރި، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން މިފަދައިން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ހަތަރު ލޭނަށް ބޭނުންކުރާ މަގުތައް ދެ ލޭނަށް ކުޑަވާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީއިން ބުނީ ޕާކުކޮށްފަހުރި އުޅަނދުތައް ނައްތާލުމަށް އެދި މިހާރު ވެސް ފޯމް ހުށަހެޅޭނެ ކަމަށާއި އެކަމަށް އެދެވޭނެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ ތިން ވަނަ ދުވަސް ކަމަށެވެ. އެ ފޯމް ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އެ ފޯމް ފުރުމަށްފަހު މިނިސްޓްރީގެ އީމެއިލްއަށް [email protected] އޮންލައިންކޮށް ފޯމު ހުށަހެޅޭއިރު ޓްރާންސްޕޯޓު މިނިސްޓްރީގެ ރިސެޕްޝަން މެދުވެރިކޮށްވެސް ފޯމު ބަލައިގަންނާނެއެވެ.

ފޯމު ހުށަހަޅާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއިން ވެރިފަރާތަށް ގުޅައި އެފަރާތުން ފޯރުކޮށްދޭ މައުލޫމާތުގެ ޞައްހަކަން ކަށަވަރުކުރާނެއެވެ. އެގޮތުން ވެރިފަރާތްކަން ކަށަވަރުކޮށްދިނުމަށް ވައިބާ ވީޑިއޯ ކޯލްވެސް ހެދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އުޅަނދުގެ ވެރިފަރާތް ކަށަވަރުކުރެވުމުން، އެ ފަރާތެއްގެ ފޯމު ޕްރޮސެސްކޮށް ފުލުހުންނާއި ވެމްކޯ ގުޅިގެން އެ އުޅަނދު ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެ ފްރޮގްރާމާ ގުޅުން ހުރި އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން 1511 މެދުވެރިކޮށް ލިބޭނެއެވެ.

މާލޭގެ އިތުރުން ހުޅުމާލެގެ އެކި ސަރަހައްދުތަކައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރުބޮޑުވެއެވެ.

comment ކޮމެންޓް