އެމެރިކާގެ ދިފާއީ ވަޒީރުގެ އާލާސްކަންފުޅު ބޮޑުވެ އައިސީޔޫގައި

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

ވޮޝިންޓަން (13 ފެބްރުއަރީ 2024) : އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންގެ އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާ އެނދުމަތިކޮށްފައިވާކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާ "ޕެންޓަގަން" އިން ހާމަކޮށްފިއެވެ.

"ޕެންޓަގަން" އިން ނެރުނު ބަޔާނެއް ބުނިގޮތުގައި އޮސްޓިންގެ އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލުގައި އެނދުމަތި ކުރުމުން އޭނާގެ ވަޒީފާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަނީ ދިފާއީ ވަޒީރުގެ ނައިބު ކެތަލިން ހެކްސް އާ ހަވާލުކުރައްވައިފައެވެ. މިކަން ރަސްމީ ސިފައެއްގައި އެމެރިކާގެ ރިޔާސީ މަރުކަޒު ކަމަށްވާ "ވައިޓް ހައުސް" އަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އިތުރު ތަފްސީލެއް "ޕެންޓަގަން" އިން ނުދެއެވެ.

އުމުރުން 70 އަހަރުގެ އޮސްޓިންއަށް މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ވަނީ ޕްރޮސްޓޭޓް ކެންސަރުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެން އެމެރިކާގެ މެރިލޭންޑްގައި ހުންނަ ވޯލްޓާ ރީޑް އަސްކަރީ މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށް މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ދީފައެވެ. ދެވަނަ ފަހަރަށް އޮސްޓިން އަށް ކުރިމަތިވީ ކޮންބާވަތެއްގެ އާލާސްކަންފުޅެއްކަން އެނގިފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނެފައިވާގޮތުން އޮސްޓިންއަށް ކުރިމަތިވި ޕްރޮސްޓޭޓް ކެންސަރުގެ އާލާސްކަންފުޅުގެ ހަގީގަތް އޭނާ ފުރަތަމަކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑެން އާ ވެސް ހިއްސާ ނުކުރައްވައެވެ. ބަލީގެ މައުލޫމާތު ސިއްރު ކުރެއްވުމަށްފަހު އޮސްޓިން، އެ މައުލޫމާތު ރައީސް ޖޯ ބައިޑެންއަށް ދެއްވި ކަމަށް ވަނީ މާފަހުންނެވެ.

އޭގެ ކުރިން ބައިޑެންއަށް ވަނީ އޮސްޓިންގެ އާލާސްކަންފުޅުގެ ހަގީގަތް ނުރަސްމީ ސިފައެއްގައި އެނގިވަޑައިގެންފައެވެ. އޮސްޓިންގެ އާލާސްކަންފުޅުގެ މައުލޫމާތު އޮސްޓިން އޭނާއާ ހިއްސާ ނުކުރެއްވީ ކީއްވެގެންތޯ ބައިޑެން ސުވާލުވެސް ކުރެއްވި ކަމަށްވެއެވެ. މި ބަލީގެ ހަގީގަތް ކުރީކޮޅު ހާމަނުކުރައްވައި އާލާސްކަންފުޅާ ގުޅިގެން އޮސްޓިން އޮފީހަށް ނުކުމެވަޑައިނުގެން ގިނަ ދުވަސްތަކެއް ހޭދަވުމުން އެކަމާމެދު ރައީސް ބައިޑެން ކަންބޮޑުވެވަޑައިގެން އޭނާގެ މުސްތަޝާރުންނާ ސުވާލު ކުރެއްވި ކަމަށްވެސް ވެއެވެ.

އޮސްޓިން އަށް ޖެހިވަޑައިގެންފައި ވަނީ ކެންސަރުގެ އާލާސްކަންފުޅެއްކަން އެނގިވަޑައިގަތުމުން އެކަމާބެހޭގޮތުން ބައިޑެން ފަހުން އިތުރަށް ސުވާލު ނުކުރައްވާކަމަށް ވެއެވެ. ކެންސަރުގެ އާލާސްކަންފުޅާހެދި އޮސްޓިންއަށް އޮފީހަށް ނުކުމެވަޑައިގެންނެވޭ ވަރުނުވެ ވޯލްޓާ ރީޑް އަސްކަރީ މެޑިކަލް ސެންޓަރުގައި އޭނާ އެޑްމިޓްކޮށްފައި އޮންނެވި ދުވަސްވަރުވެސް އޭނާގެ ބަދަލުގައި އޭނާގެ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެހެންބޭފުޅަކާ ހަވާލުކުރުމަށް އޮސްޓިން ފަސްޖެހިވަޑައިގެންނެވި ކަމަށްވެއެވެ.

އެ ފަހަރު އޮސްޓިން އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އޭނާގެ ނައިބު ކެތަލިން ހެކްސް އާ ހަވާލުކުރެއްވިލެއް ލަސްކަމުން އެމެރިކާގެ ދިފާއީ ވުޒާރާގެ މަތީލެވެލްގެ ބައެއް މަސައްކަތްތަކަށް ލޮޅުންތަކެއް އެރިކަމުގެ ޚަބަރުތަކެއްވެސް ފެތުރިފައިވެއެވެ. ނަމަވެސް ރަސްމީ ފަރާތަކުން މިކަން ކަށަވަރު ކޮށެއް ނުދެއެވެ.

ކެންސަރަށް ފަރުވާ ހޯއްދެވުމަށްފަހު އޮސްޓިން އެނބުރި އޮފީހަށް ނުކުމެ ވަޑައިގެން އޭނާގެ މަސައްކަތާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖަނަވަރީ މަހުގެ ފަހު ހަފުތާގައެވެ. ގާތްގަނޑަކަށް ދެ ހަފުތާ ތެރޭގައި އަނެއްކާވެސް އޮސްޓިންގެ އާލާސްކަންފުޅު ބޮޑު އައިސީޔޫގައި އެނދުމަތި ކުރަން މިޖެހުނީ ކުރިން ޖެހިވަޑައިގެންނެވި ކެންސަރުގެ އާލާސްކަންފުޅު ރަނގަނޅު ނުވެ އެބަލި އިތުރަށް ސީރިޔަސް ވުމުގެ ސަބަބުންކަން ނޫނީ އެހެން ބައްޔެއްގެ ސަބަބުންކަން އެމެރިކާގެ ދިފާއީ ވުޒާރާ "ޕެންޓަގަން" އިން ހާމަކޮށްފައެއް ނުވެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް އޮސްޓިން ހޯއްދެވި ފަރުވާގައި އޭނާގެ ޕްރޮސްޓޭޓް އެއްކޮށް ނަގައި ރިމޫވްކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް