މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރީ، "ވުޖޫދުގައި ނެތް ގަރާޖުތަކެއްގައި" ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ގަވާއިދާ ހިލާފަށް ޕާކުކުރި ނަމަވެސް ޕާކު ކުރަން އެކަށޭނަ ތަންތަން ނުދައްކައި ޕާކިން ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނުކުރުމާ އެކު މާލޭގެ މަގުތަކުގައި ޕާކުކުރުން ވަނީ ބޮއްސުންލައިފައެވެ. ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ވެސް ކާރުތަކާއި ޕިކަޕުތައް ޕާކުކޮށްފައި ހުރެއެވެ.
ގަވާއިދަށް ހިލާފަށް ޕާކުކުރުމުގެ ސަބަބުން މަގުތައް ބޭނުންކުރާ މީހުންނަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ، މާލެއަށް ގެންނަ އުޅަނދު އަގުހެޔޮކޮށް ރަޖިސްޓްރީކުރެވޭނެ ފުރުސަތު މިދިޔަ ސަރުކާރުގައި ހުޅުވައިލާފައި އޮތް ކަމަށެވެ. އެ ފުރުސަތާ ގުޅިގެން ވަރަށް ބައިވަރު އުޅަނދުތައް މާލެ ގެނެސް، ރަޖިސްޓްރީނުކުރެވި މަގުތައް މަތީ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
"ގަރާޖުތަކުގެ ގޮތުގައި ހަގީގަތުގައި ފިޒިކަލީ ނެތް ތަންތަނަށް އެތައް ބައިވަރު ކާރެއް ރަޖިސްޓްރީކޮށްފައި. ވެހިކަލްތައް ރަޖިސްޓްރީކޮށްފައި. އެ ތަކެތި މިހާރު މަގުމަތިން އެ ފެންނަމުން މި ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަކު، މިނިސްޓަރު ވިދާޅުވީ އެ ވެހިކަލްތައް ޓޯކުރަން ފަށާނީ އެ ތަކެތި ނަގަން ވެސް މުހުލަތެއް ދިނުމަށް ފަހުގައި ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
"ގާނޫނާ އެއްގޮތަށް ޕާކުކުރެވޭ ތަންތަނަށް ގެންދިއުމަށް ފުރުސަތެއް ދީފައި އަޅުގަނޑުމެން ޓޯ ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އަމާޒަކީ މި ފެށޭ ރޯދަ މަހުގެ ކުރިން އެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ.
އެކަށިގެންވާ އަދަދަށް ޕާކިން ޖާގަ ހެދެންދެން ސްޓިކާ ޖެހުން މަޑުޖައްސައިލިކަން ފުލުހުން އިއުލާނުކުރީ މިދިޔަ މަހު އަށެއްގައެވެ. އެ އިއުލާނާ އެކު ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.