ޕާކު ކުރާނެ ތަންތަން ނުދައްކައި ސްޓިކާ ނުޖަހާނެކަން ފުލުހުން އިއުލާނު ކުރުމާ އެކު މާލޭގެ ބޮޑުތަކުރުފާނު މަގުގެ ދެ ފަޅި ވެސް ވެހިކަލްތަކުން ފުރާލައިފިއެވެ. އެ މަގުގައި ހުންނަ ފުލުހުންގެ ޓޯޔާޑު ކުރިމަތީގައި ވެސް މަގުގެ ދެ ފަޅިއަށް ވާހެން ކާރުތައް ވަނީ ޕާކުކޮށްފައެވެ.
މާލޭގައި ހުސްކޮށް އޮންނަ މަދު ބިންތަކުގެ ތެރެއިން ބިމެއް ކަމަށްވާ އުސްފަސްގަނޑު ވެސް މިހާރު ވަނީ ވެހިކަލްތަކުން ފުރާލައިފައެވެ. އެ ތަނަކީ ވެސް ކުރިން އާންމުކޮށް އުޅަނދުފަހަރު ޕާކުކުރާ ތަނެއް ނޫނެވެ.
ހުޅުމާލެއަށް ދަތުރުކުރާ މީހުންނާއި އަދި އެ ނޫން ވެސް މީހުން އެންމެ ގިނައިން ބޭނުންކުރާ އެއް މަގަކީ ބޮޑުތަކުރުފާނު މަގެވެ.

އެކަމަކު، ބުރިޖުން ފައިބައިގެން އަންނައިރު އެ މަގުގެ ދެ ފަޅިއަށް ވާހެން މިހާރު ހުރީ ވެހިކަލްތައް ޕާކުކޮށްފައެވެ. އެންމެ ގިނައިން ޕާކުކޮށްފައި ހުރީ ކާރުތަކާއި ޓެކްސީތަކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުންގެ ޓޯޔާޑު ކުރިމަތީގައި ވެސް މަގުގެ ދެ ފަޅިއަށް ވާގޮތަށް ކާރުތަކާއި ޕިކަޕުތައް ޕާކުކޮށްފައި ހުއްޓެވެ.
އެ މަގުގެ ދެ ފަޅީގައި އެގޮތަށް ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމުގެ ހުއްދަ އެއްވެސް އިދާރާއަކުން ދިން ކަމަކަށް ފެންނާކަށް ނެތެވެ. އެ މަގުގެ ދެ ފަޅީގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް ނޭނގެއެވެ.

ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ހަތަރު ފޮރުޅުލީ އުޅަނދުތައް ޕާކުކޮށްފައި -- ސަން ފޮޓޯ
ބޮޑުތަކުރުފާނު މަގުގެ ދެ ފަޅީގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަގުގެ ޓްރެފިކަށް ބައެއް ވަގުތުތަކުގައި ބާރު ބޮޑުވެއެވެ.
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ދަށުގައި އޮންނަ އުސްފަސްގަނޑު ވެސް މިހާރު ވަނީ ކާރާއި ލޮރީތައް އަދި ސައިކަލުތައް ޕާކުކޮށް ފުރާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕާކިން ޖާގަ ހެދެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސައިލިކަން ފުލުހުން މި މަހު އަށެއްގައި ވަނީ އާންމުކޮށް އަންގައިފައެވެ.
"ޕާކްކުރާނެ އެކަށީގެންވާ ޖާގެ ނެތް ޙާލަތުގައި ޕާކިން ސްޓިކާ ތަންފީޒުކުރުން ފުލުހުން ވަނީ މަޑުޖައްސައިލައިފައި،" ފުލުހުން މީޑިއާ އޮފިޝަލް އެ ދުވަހު ވިދާޅުވިއެވެ.
ފުލުހުންގެ އެ ނިންމުމާ އެކު މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލަ އަނެއްކާ ވެސް ވަނީ ބޮޑުވެފައެވެ.