އިންޑިއާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޒުވާން އެކްޓަރު ކާތިކް އާރިޔަނާ ބައްދަލު ކުރުމަށް ބައިސްކަލުގައި ނުވަ ދުވަހުގެ ދިގު ދަތުރެއް ސަޕޯޓަރަކު ކޮށްފިއެވެ.
އިންޑިއާގެ ޖާންސީއިން މި މީހާގެ ދަތުރު މުމްބާއީއަށް ފެށީ އޭނާގެ އައިޑޮލް ކަމަށްވާ އެކްޓަރު ކާތިކާ ބައްދަލުކުރުމަށް ކަމަށާއި މި ދަތުރުގައި އޭނާ ވަނީ 1،000 ކިލޯ މީޓަރު ކަޑައްތު ކޮށްފައިކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމު "ބޫލް ބުލައްޔާ"ގެ އެކްޓަރު ވަނީ އޭނާއާ ބައްދަލުކުރުމަށް މި ދިގު ދަތުރު ނިންމާލި ސަޕޯޓަރާ ބައްދަލުކޮށްފައެވެ. ކާތިކް ދިރިއުޅޭ މުމްބާއީގެ ގޭގެ ބޭރުގައި ދެ މީހުން ބައްދަލުކޮށް ވާހަކަދައްކާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައެވެ.
ކާތިކްގެ ސަޕޯޓަރާ ވާހަކަ ދައްކަމުން ބުނެފައިވަނީ ހަގީގަތުގައި ވެސް 1،000 ކިލޯމީޓަރު ކަޑައްތު ކުރީ އާދައިގެ ބައިސްކަލެއްގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. މި ސަޕޯޓަރާ އެކު ބައްދަލުކުރި ވީޑިއޯގައި ފިލްމު "ލުއްކާ ޗުއްޕީ"ގެ އެކްޓަރު ވަނީ އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި ތަރުހީބަށް ފަށްފަށުން ޝުކުރު އަދާކުރާކަމަށް ބުނެފައެވެ.
މިދިޔަ އަހަރު ފިލްމު "ޝެހެޒާދާ" އަދި "ސަތިޔަޕްރޭމް ކީ ކަތާ"އިން ބެލުންތެރިންނަށް ފެނުނު އެކްޓަރު ދާދިފަހުން ވަނީ މި އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޗަންދޫ ޗެމްޕިއަން"ގެ މަސައްކަތް ނިންމާލައިފައެވެ. މި ފިލްމުގައި ކާތިކް ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން އެއް އަހަރުގެ މުއްދަތަށް ކާތިކް ވަނީ ފޮނި އެއްޗެހި ކެއުން ހުއްޓާލައިފައެވެ.
ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ، ކުޅިވަރަށް ހާއްސަކޮށް އުފައްދާ ފިލްމެކެވެ. ޑައިރެކްޓަރު ކަބީރު ޚާންގެ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ.