މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރަމުން އަންނަ ފިލްމު "ލަސްވިޔަސް" ރަސްމީކޮށް ލޯންޗު ކުރަން ތައްޔާރުވެއްޖެއެވެ.
ބައްޔަކާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ ވަށައިގެން އެނބުރޭ ވާހަކައެއް ކިޔައިދޭނެ "ލަސްވިޔަސް" އަކީ ޓެޑްރީ އެތައް އަހަރެއްގެ މަސައްކަތަށް ފަހު ހަގީގަތަކަށް ވާން ފަށާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ކުރީކޮޅުގައެވެ. އެއަށްފަހު މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ނިންމާލައި މިހާރު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
ޓެޑްރީ ހާމަކޮށްފައިވާ ގޮތުގައި ފިލްމު ރަސްމީކޮށް ލޯންޗު ކުރުމުގެ މަސައްކަތް މި ހަފުތާ ބުރާސްފަތި ދުވަހު އޮންނާނެއެވެ. ފިލްމުގެ ލޯންޗިން އިވެންޓުގައި ފިލްމުގެ އޮފިޝަލް ޕޯސްޓަރުގެ އިތުރުން ޓްރެއިލާ އަދި ބައެއް ލަވަތައް ވެސް ވަނީ އިއުލާނު ކުރުމަށް ހަމަޖެހިފައެވެ.
މި ފިލްމާ ގުޅޭ މާ ގިނަ މަންޒަރުތަކެއް ފެނިފައިނުވާއިރު ލޯންޗިން އިވެންޓުގައި މިކަަމަށް ނިމުމެއް އަންނާނެއެވެ.
ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކުރާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން އަހުމަދު އީސާ (އާނަންދު) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.
ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.
އެ ފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އަމިއްލަ ޕްރޮޑިއުސް/ޑައިރެކްޓްކުރާ ފިލްމެކެވެ. "ލަސްވިޔަސް" ވާނީ ޓެޑްރީގެ ތިންވަނަ ފިލްމަށެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.