މޮޅު ވާހަކަދެއްކުންތެރިއަކަށް ވެވޭނީ ހިތްވަރާއި، އަޒުމު ހުރެގެން: އަޝްރަފް

ރޭ އޮތް ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އަޝްރަފް ވާހަކަދައްކަވަނީ -- ފޮޓޯ/ ދިވެހި ބަހުގެ އެކަޑަމީ

މޮޅު ވާހަކަދެއްކުންތެރިއަކަށް ވެވޭނީ ހިތްވަރާއި، އަޒުމާއި، ޝައުގުވެެރިކަން ހުރެގެން ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ މި ޒަމާނުގައި ފަހިވެފައިވާ ވަސީލަތްތަކާ އެކު، ކަން ފަސޭހަކޮށްލައިގެން މޮޅު ވާހަކަދެއްކުންތެރިއަކަށް ނުވެވޭނެ ކަމަށެވެ.

އެއާ ޚިލާފަށް، ކޯޗުން ބުނެދޭ އެއްޗެހީގެ އިތުރުން، އަމިއްލައަށް ލައިބްރަރީތަކަށް ގޮސް ހޯދައިގެން، ކަންކަން ދަސްކޮށް ދިރާސާ ކުރަންޖެހޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ކޯޗު އައިސަ ބުނެދޭނެ. ސަމްސަލަށް އަޅާފައި ދިއްކޮށްލީމައި ވެސް އަދި އަނގަ ދިއްކޮށްލަން ވެސް މަސައްކަތަކަށް. ލެވީމާ ވެސް ދިރުވާލަން މަސައްކަތަށް. އެހެން ނުހަދާ،" އަޝްރަފް ވިދާޅުވިއެވެ.

ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ، މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށްޓަކައި، ޕޯޑިއަމަށް އެރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ބޮޑު ކަމަށެވެ.

އެ މަސައްކަތަށް ހިތްވަރާއި، އަޒުމާއި، ޝައުގު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންސާނާ ކާމިޔާބު އިންސާނަކަށް ވާން ބޭނުމިއްޔާ، މޮޅު ވާހަކަ ދެއްކުންތެރިއަކަށް ވާން ބޭނުމިއްޔާ ތިމާގެ ހިތްވަރެއް ހުންނަން އެބަ ޖެހޭ. ތިމާގެ ކިބައިގައި އަޒުމެއް އެބަ ހުންނަންޖެހޭ. ތިމާގެ ކިބައިގައި އެކަމަށް ޝައުގެއް އެބަ ހުންނަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވަހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް -- ފޮޓޯ/ އެކެޑަމީ

އޭނާ ވިދާޅުވީ މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ކުދިންގެ ކިބައިގައި އެ ކަންކަން އަށަގެންނެވުން ކަމަށެވެ. އެކަން ހާސިލު ނުވާނަމަ މިފަދަ މުބާރާތްތަކުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އަޝްރަފް ވަނީ އެ މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ބެހިފައިވަނީ ދެ ބަޔަކަށެވެ. އެއީ، ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބައެވެ.

ބަހުސްކުރުމުގެ ބައިގައި ބައިވެރިވެވޭނީ 16 އަހަރުން މަތީގެ މީހުންނަށެވެ. އެގޮތުން މި ބައިގައި އޮފީސް، ކުންފުނި، ކުލަބު، ޖަމިއްޔާ ޖަމާއަތްތައް، ޔުނިވަސިޓީ، ކޮލެޖު، އިންސްޓިޓިއުޓް، އެކެޑަމީ އަދި އަމިއްލަ ޓީމުތަކަށް ބައިވެރިވެވޭނެ ކަމަށް މީގެ ކުރިން ބަހުގެ އެކަޑަމީން ވަނީ ބުނެފައެވެ.

comment ކޮމެންޓް