ފުރޭތަ އަޅުވާނީ އަންނަ މަހު!

ޑާކްރެއިން އެންޓަޓެއިންމެންޓުން ދެން އެންމެ އަވަހަށް ނެރޭނެ ފިލްމު "ފުރޭތަ" އަންނަ މަހު އަޅުވަން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ މުޖުތަމައުގެ ތަފާތު އެކި މައްސަލަތަކަށް އަލިއަޅުވާލައި ނެރުމަށް ތައްޔާރުވަމުންދާ ފިލްމު "ފުރޭތަ" އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

އެއަށްފަހު ފިލްމު ރިލީޒް ކުރާނެ ކަމަށް ވާހަކަތައް ދެކެވެން ފެށީ މި އަހަރު ފެށުމާ އެކުގައެވެ. ފުރަތަމަ ވާހަކަތައް ދެކެވެމުން ދިޔައީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފުރޭތަ ރިލީޒް ކުރުމަަށެވެ. ނަމަވެސް މި ވާހަކަތައް ޑާކްރެއިންއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އެންމެފަހުން ޑާކްރެއިން ހާމަކޮށްފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފުރޭތަ އޮލިމްޕަހުން ދައްކަން ފަށާނެ ކަމަށެވެ.

މި ފިލްމާ އެކު މި އަހަރު އޮލިމްޕަސް މި ދަނީ ކޮންމެ މަހަކު ވެސް ބިޒީ ކޮށެވެ. މި އަހަރުގެ ޖެނުއަރީ މަހުގައި ރޮމްކޮމް ފިލްމު "މިއީ އިޝްގު" އެޅުވިއިރު މި މަހު ވަނީ ބިރުވެރި ފިލްމު "ކަންބަޅި" އަޅުވާފައެވެ. އަދި، އެއަށްފަހު އަންނަ މަހު ފުރޭތަ އަޅުވާއިރު އޭޕްރިލް މަހުގައި "ލަސްވިޔަސް" އަޅުވާނެއެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް