މަޖިލީހުން އިންތިޒާމުކޮށްގެން އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުން އިންތިޒާމު ކޮށްގެން މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި މަޖިލީހުގެ ސްޓާފް ނައިޓުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެހެނިހެން އިދާރާތަކުން އެ އިދާރާތަކުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމަށް ޚާއްސަ އިސްކަމެއް ދޭއިރު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބެނީ ބާކީވެފައި ކަމަށެވެ.

އެހެންކަމުން މަޖިލީހުން އިސްނަގައިގެން އެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ތަނަވަސް ކޮށްދޭން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

"ސަރުކާރަކުން ވެސް ނޫން ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެން ޖެހޭނެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި އަމީން އާންމު ފާތިމަތި ނިއުޝާގެ މަޝްވަރާއާއެކު އެކަން ކުރާނެ ގޮތުގެ ޕްލޭނެއް މަޖިލީހުން އެކުލަވާލާ، އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރަށް އަސްލަމް ވިދާޅުވީ، ދާދި ފަހަކާ ޖެހެންދެން މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ނުވެ އޮތްކަމީ ވެސް މުވައްޒަފުންގެ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް، މާލީ ކޮމިޓީން ފާސްކުރުމަށް ފަހު ޖަނަވަރީން ފެށިގެން އަސާސީ މުސާރަ 20 ޕަސްންޓު ބޮޑުކޮށްދެވުމަކީ ހިތްހަމަޖެހުމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އަދިވެސް ހަގީގަތުގައި ތިބޭފުޅުން ކުރައްވާ ބުރަ މަސައްކަތަށް އެކަށީގެންވާ އުޖޫރަ ދެވޭކަމަށް،" އަސްލަމް ވިދާޅުވިއެވެ.

comment ކޮމެންޓް