އެމްޑީޕީން މޯލްޑިވިއަންއަށް ނުދައްކާ ފަސް މިލިއަން ރުފިޔާ، ހޯދަން ކޯޓަށް ދަނީ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް--- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެމްޑީޕީއިން ގައުމީ އެއާލައިން މޯލްޑިވިއަންއަށް ނުދައްކާ އޮތް 5.6 މިލިއަން ރުފިޔާ ހޯދުމަށް ކޯޓަށް ދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފިއެވެ.

މޯލްޑިވިއަންއިން އެމްޑީޕީއަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީއިން އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5،629،861 ރުފިޔާއަށް އަރާ ކަމަށެވެ.

މޯލްޑިވިއަންނާއި އެމްޑީޕީއިން އެއްބަސްވެފައިވާނީ ހިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާގޮތަށް ކަމަށާއި ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދެއްކުމަށާއި ނުދައްކައިފިނަމަ ކޯޓަށް ދާނެ ކަމަށް މޯލްޑިވިއަންގެ ސިޓީގައި ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ފައިސާ ނުދައްކައިގެން އުޅެނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީއިން ކުރި ދަތުރުތަކަށެވެ.

comment ކޮމެންޓް