އޭދަފުށީގައި ބޯހިޔާވަހިކަމުގެ ދަތި އިންތިހާގައި، އެދެނީ ހައްލަކަށް

އޭދަފުށީ މަގެއްގެ މަތިން -- ފޮޓޯ : އައިޝަތު ދިފްލާ/ އޭދަފުށީ ޓައިމްސް

ބ. އޭދަފުށީގައި ބިމުގެ ދަތިކަން ބޮޑުވެ, ވަރަށް ބޮޑަށް ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ދިމާވެފައިވާތީ އެ ކަަމަށް ހައްލެއް ހޯދައިދިނުމަށް އެ ރަށު ކައުންސިލުން އެދެފިއެވެ.

އެ ރަށުގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލަކީ ގޯތިތައް ދޫނުކުރެވި އޮތް އޮތުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހް ވިދާޅުވީ ގޯތި ދޫނުކުރެވި ހުރުމުގެ ސަބަބުން ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ވެސް ދަތިވާކަމަށެވެ. އެގޮތުން ގޯތިދިނުމާއި، ފްލެޓް އެޅުމަށް ވެސް ދަތިވާކަމަށް ފާހަގަކުރެއްވިއެވެ.

އެއާއެކު އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރު މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ވާނީ މި މައްސަލައަށް ހައްލު ހޯދުމަށް ޓަކައި ހައުސިން މިނިސްޓްރީއާ އެއްކޮށް ވާހަކަދައްކައި، މި ކަމާ ގުޅޭ ހުރިހާ މަޝްވަރާތަކެއް ކޮށްފައި،" ފާތިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ގޯތި ދިނުމުގެ ކަންކަން ރޭވި އެެ ކަމުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ.

ފާތިހް ވިދާޅުވީ ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައި އޮންނަތާ ވަރަށް ދުވަސްވެފައިވާ ކަމަށާއި މި ކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭ ހިމެނޭ ވައުދުފުޅެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ރަށު ކައުންސިލުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އޭދަފުށީގެ ހައުސިން މަޝްރޫއުތައް ފަށަން ކަމަަށެވެ.

ފާތިހް ވިދާޅުވީ މީގެ ކުރިން 158 ގެވަޅު ދޫކުރާ ގޮތަށް ނިންމައިފައިވީ ނަމަަވެސް އެ ކަން ކޯޓުން ބާތިލުކުރީ ކަމަށެވެ. ނަމަވެސް އަލުން މަސައްކަތް ފަށައި ރޯދައިގެ ކުރިން ގޯއްޗަށް އެދެން ހުޅުވާލުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް