ނަމާދުގެ މާތްކަން ހަނދާކޮށް، ޚުތުބާގައި ގޮވައިލީ ނެތިމޮށުމުން ދުރުހެލިވާން

އިސްލާމީ މަރުކަޒުގައި ބަޔަކު ނަމާދު ކުރަނީ: މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަމާދު ކުރުމުގެ މާތްކަން ހަނދާންކޮށްދީފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމާދު އޭގެ ވަގުތުގައި ކުރުމުގެ މުހިއްމު ކަމާއި މާތްކަން ހަނދާންކޮށް، ނެތިމޮށުމުންނާއި މީހުންގެ އަބުރުކަތިލުމުން ދުރުހެލިވާން މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ޚުތުބާގައި ބުނީ، ބައެއް މީހުން ކުރާ ކުށްފާފަތަކަށް ﷲ ކަނޑައަޅުއްވާފައިވާ އަޒާބުގެ މަންޒަރުތަކެއް އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި ރަސޫލާއަށް ދެއްކެވި ކަމަށެވެ. އޭގެތެރެއިން އެއް ބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރާ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައްތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެ މީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލާފައިވާ މީހުން ކަމުގައެވެ،" ޚުތުބާގައި ބުންޏެވެ.

މި ދަތުރުފުޅުގައި ފެނިވަޑައިގަން އަނެއް މަންޒަރަކީ އެބައިމީހުންގެ އިނގިލިތަކުގައި ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެ މީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅާ މަންޒަރު ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ ކޮންބައެއްތޯ ސުވާލު ކުރުމުން ދެންނެވީ، އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތިމޮށޭ މީހުން ކަމުގައެވެ.

މި ދަތުރުގައި ދެއްވި އެންމެ ބޮޑު ނިޢުމަތް ފާހަގަކުރައްވާ ޚުތުބާގައި ބުނީ އެއީ ފަރުޞު ފަސް ނަމާދުކަމަށެވެ. އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުގައި ރަސޫލާ އެކަލޭގެފާނުގެ އަޚުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގަން ޖަމާއަތުގައި ނަމާދު ކުރެއްވިއެވެ.

"މަހްޝަރު ބިމުގައި ހިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުން. އެކަން ރަނގަޅުވެއްޖެ މީހާގެ ދެންހުރި ކަންތައް ރަނގަޅުވެދެއެވެ،" ނަމާދުގެ މާތްކަން ފާހަގަކޮށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް