ނިއުދިއްލީ (8 ފެބްރުއަރީ 2024) : އިންޑިއާގައި ދީނީގޮތުން ބައިމަދު މުސްލިމުންނާ އަދި ނަސާރާއިންނަށް އެ މީހުންގެ ދީންތަކާއި އިއުތިގާދުތަކާ އެއްގޮތަށް ލިބޭ ޚާއްސަ ހާލަތު އުވާލުމަށް ބީޖޭޕީ ގެންގުޅޭ ފިކުރުގެ ދަށުން އިންޑިއާގެ ކުޑަ ސްޓޭޓެއްކަމަށްވާ "އުއްތަރަ ޚާންދު" ގެ ލޯކަލް ޕާލަމެންޓުން، ހުރިހާ ދީންތަކެއްގެ މީހުން ކައިވެންޏާއި ވަރިއާއި މީރާސް ނުވަތަ އިންހެރިޓެންސް ފަދަ ކަންކަމުގައި ޔުނިފައިޑް ސިވިލް ކޯޑަކަށް (އެއް ގާނޫނަކަށް) އަމަލުކުރުން ލަޒިމްކުރާ ގާނޫނެއްގެ ބިލް ފާސްކޮށްފިއެވެ.
އިއްޔެ ފާސްކުރި މި ގާނޫނު ތަސްދީގު ކުރުމާއެކު މިއަށް އަމަލުކުރަން އިންޑިއާގެ މުސްލިމުންނާ އަދި ބައިމަދު ނަސާރާއިންނަށް މަޖުބޫރު ވެގެންދާނެއެވެ. އުއްތަރަ ޚާންދު ސްޓޭޓްގެ މުސްލިމް ލީޑަރުން ވަނީ މި ގާނޫނަށް ވަރަށް ބޮޑަށް ފާޑުކިޔައި މިއަށް ތަބާނުވެ އިހްތިޖާޖު ކުރާނެކަމުގެ އިންޒާރު ދީފައެވެ.
އުއްތުރަ ޚާންދުގެ މުސްލިމް ލީޑަރުންގެ އިތުރުން މުޅި އިންޑިއާގެ މުސްލިމް ލީޑަރުންވެސް ވަނީ މި ކަމާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހިމާލިޔާ ސަރަހައްދުގައި އޮންނަ ކުޑަ ސްޓޭޓެއް ކަމަށްވާ އުއްތުރަ ޚާންދުގައި ވެރިކަންކުރަނީ ބީޖޭޕީންނެވެ.
އުއްތުރަޚާންދުގެ ލޯކަލް ޕާލަމެންޓުން އިއްޔެ މި ގާނޫނު ފާސްކޮށްފައި މި ވަނީ އިންޑިއާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައިމަދު މުސްލިމުންނާ އަދި ނަސާރާއިންނަށް އެ މީހުންގެ ދީންތަކާއި އިއުތިގާދުތަކާ އެއްގޮތަށް ލިބޭ ޚާއްސަ ހާލަތު އުވާލައި ޔުނިފައިޑް ސިވިލް ކޯޑަކަށް (އެއް ގާނޫނަކަށް) އަމަލުކުރަން އިންޑިއާގެ ހުރިހާ ދީންތަކެއްގެ މީހުންނަށް މަޖުބޫރުކުރާ ގައުމީ ލެވެލްގެ ގާނޫނެއް ފާސްކުރަން ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ "ޓައިމްސް" އިން ބުނެފައިވަނިކޮށެވެ.
މި ނޫސް ބުނެފައިވަގޮތުގައި މި ގާނޫނު ވުޖޫދަށް ގެނައުމުގައި ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ހިންދޫ ހަރުކަށި ފިކުރުގެ ސަރުކާރުގެ ބޭނުމަކީ ކައިވެންޏާއި ވަރިއާއި މީރާސް ނުވަތަ އިންހެރިޓެންސް ފަދަ ކަންކަމުގައި އިންޑިއާގެ ހުރިހާ ރައްޔިތުންވެސް އެއްގޮތަކަށް އަމަލުކުރަން މަޖުބޫރު ކުރުވުމެވެ. އެކި ދީންތަކާއި އިއުތިގާދުތަކާ އެއްގޮތަށް ލިބޭ ޚާއްސަ ހާލަތާއި އެ ނޫންވެސް ޚާއްސަ ކަންކަން އުވާލައި ނައްތާލުމެވެ.
މި ގާނޫނު ފާސްކޮށް އެއަށް އަމަލުކުރަން ފެށުމުން އިސްލާމީ ޝަރީއަތުގެ އަސާސްތަކަށް ރިއާޔަތްކޮށްގެން ކަންކަން ކުރުން އިންޑިއާގެ މުސްލިމުންނަށް މަނާ ވެގެންދާނެއެވެ. މީގެތެރޭގައި ދެއަންބަށް ނުވަތަ އެއަށްވުރެ ގިނަ އަނބީންނާ ކައިވެނި ކުރުމާއި މީރާޘް ގައި (ތަރިކަ މުދާ ބެހުމުގައި) ފިރިހެނުންނަށް ދެބައި ލިބުންފަދަ އިސްލާމީ ޝަރީއާގައިވާ ކަންކަމުން އިންޑިއާގެ މުސްލިމުން މަހްރޫމް ވެގެންދާނެއެވެ.
އިންޑިއާގެ މުސްލިމް ބައެއް ލީޑަރުންނާ ހަވާލާދީ "ޓައިމްސް" ނޫސް ބުނާގޮތުން މި ގާނޫނު ވުޖޫދަށް ގެނައުމުގައި މޯދީގެ ސަރުކާރުގެ ބޭނުމަކީ އިންޑިއާގެ އާބާދީގައި ހިމެނޭ 200 މިލިޔަނަށް ވުރެ ގިނަ މީހުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ މީހުންގެ ދިރއުޅުމުގެ ކަންކަން (ޕާސަނަލް ސްޓޭޓަސް) ބައްޓަންކުރުމުގެ ފުރުސަތުން މަހުރޫމް ކުރުމެވެ.
އިންޑިއާގައި މިހާރު ވެރިކަންކުރާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ ހިންދޫ ހަރުކަށި ފިކުރުގެ ޕާޓީއެކެވެ. ހިންދޫންނަކީ އިންޑިޔާގެ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ މާމަތިވެރި ބައެއްކަމާއި އިންޑިއާގައި އޮންނަންޖެހޭނީ ހަމައެކަނި ހިންދޫންގެ ގޮތްތަކާއި ހިންދޫންގެ ސަގާފަތް ކަަމަށް ދެކޭ ޕާޓީއެކެވެ.
ބީޖޭޕީއަކީ ހިންދޫ ގައުމީ ހައްދުފަހަނަޅާފައިވާ ފިކުރު ކަމަށްވާ "ރަސްތިޔާ ސްވެޔަމް ސެވަކް ސަންހް" (އާރުއެސްއެސް) ފިކުރު ގެ ޕާޓީއެއްގެ އިތުރުން އެއީ ހިންދޫންގެ ގައުމީ ހަރުކަށި އެހެން ފިކުރެއްކަމަށްވާ "ވިޝްވާ ހިންދޫ ޕަރީޝާދު" (ވީއެޗްޕީ) ޖަމާއަތުގެ ފިކުރުވެސް ޕްރޮމޯޓްކުރާ ޕާޓީއެކެވެ. މިއީ 1964 ވަނައަހަރު ހިންދޫންގެ ހައްދުފަހަނަޅާފައިވާ މީހެއްކަމަށްވާ އެސް ގޮލްވާކާ އާއި ސްވާމީ ޗިންމަޔަނަންދާ ގުޅިގެން އުފެއްދި ހިންދޫ ގައުމީ ޖަމާއަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރެވެ.
އިނގިރޭސިވިލާތުގެ އިސްތިއުމާރާއި އަޅުވެތިކަމުން އިންޑިއާ މިނިވަންވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި 1947 ވަނަ އަހަރު އިންޑިއާ ވުޖޫދަށް އައިފަހުން އިންޑިއާ އަކީ ދީނީ މިނިވަންކަން ލިބިދޭ އަދި ކޮންމެ ދީނެއްގެ ބަޔަކުވެސް އެބައެއްގެ ދީނާ ސަގާފަތާ އަދި އާދަކާދަތަކާ ގުޅޭގޮތަށް ވަރިކައިވެންޏާއި މުދާވެރިކަމުގެ ހައްގާއި މީރާސް ނުވަތަ ތަރިކަ މުދާބެހުމުގެ ހައްގާއި ކުޑަކުދިން ބަލައި ހަޟާނަތުގެ ހައްގު ލިބިދޭގޮތަށް ސެކިއުލާ ނިޒާމަކަށް ގާނޫނުތައް އުފައްދައި ބައްޓަންކޮށްފައިވާ ސެކިއުލާ ގައުމެކެވެ.
ނަމަވެސް ހިންދޫ ހައްދު ފަހަނަޅާފައިވާ "އާރުއެސްއެސް" ފިކުރު ޕްރޮމޯޓްކުރާ ޕާޓީއެއްކަމަށްވާ ބީޖޭޕީ ވެރިކަމަށް އައުމާއެކު އިންޑިއާގެ ބައިމަދު ޖަމާއަތްތަކާއި ބައިމަދު ދީންތަކުގެ ފިކުރުތަކާއި ޝަރީއަތްތައް އެއްފަރާތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހިންދޫ ގައުމީ ފިކުރު "ހިންދުތުވާ" އަށް ތަބާވުމަށް މުސްލިމުންނާއި ނަސާރާއިންފަދަ ބައިމަދު ދީންތަކުގެ މީހުންނަށް މަޖްބޫރު ކުރުމުގެ ސިޔާސަތުތަކެއް ގެންދަނީ ތަންފީޒު ކުރަމުންނެވެ.
މިކަމުގެ ބޭނުމަކީ މެދުމިނުގެ ސެކިއުލާ ގައުމެއްގެ ގޮތުގައި އޮތް އިންޑިއާ، ހިންދޫ ހަރުކަށި ފިކުރުގެ ގައުމަކަށް ބަދަލުކޮށްލުމެވެ. ހިންދޫންގެ ހަރުކަށި މި ފިކުރުތަކަށް އިންޑިއާގައި ކުރިން ވެރިކަންކުރި ކޮންގްރެސް ޕާޓީގެ ސަރުކާރުތަކުގައި ޖާގަ ނުދިނުމުން ހިންދޫންގެ ދީނީ ހަރުކަށި މިދެންނެވި ފިކުރުތައް އޮތީ ވަޅުޖަހާފައެވެ.
މި ހަރުކަށި ފިކުރުތައް ޕްރޮމޯޓްކޮށް މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ހަރުކަށި ހިންދޫންނަށް ލިބިގެން ދިޔައީ ބީޖޭޕީގެ ވެރިކަމުގައެވެ.
ދުނިޔޭގައި އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގެ އާބާދީގައި ހިންދޫންގެ ނިސްބަތަކީ 80 އިންސައްތައެވެ. މުސްލިމުންގެ އިންސައްތައަކީ 14.3 އިންސައްތައެވެ. ނަސާރާއިންގެ އިންސައްތައަކީ 2.3 އިންސައްތައެވެ. ސިކުންގެ އަގީދާއަށް ތަބާވާ މީހުންގެ އިންސައްތައަކީ 1.8 އިންސައްތައެވެ. އެއް ދައުލަތެއްގައި ތިންވަނައަށް އެންމެ މުސްލިމުން ގިނަ ގައުމަކީ އިންޑިއާއެވެ. އެއް ދައުލަތެއްގައި އެންމެ މުސްލިމުން ގިނައީ އިންޑޮނީޝިއާގައެވެ. ދެން ޕާކިސްތާނުގައެވެ. ދެން އިންޑިއާގައެވެ.