ކުރީގެ ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން، ދައުރު ނިމުނު އިރުވެސް ނުފުއްދުނު، ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއު މި ސަރުކާރުން ހަގީގަތަކަށް ހައްދަވައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކޯޒްވޭއަކުން ދެ ރަށް ގުޅައިލުމަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް މަޝްރޫއުގެ މަސައްކަތް ފެށިފައިނުވާއިރު، އެއްވެސް ކުރިއެރުމެއް ވެސް ލިބިފައެއް ނުވެއެވެ.
މިއަދު ރައީސް ކިނބިދޫއަށް ވަޑައިގަތުމުން ރަށު ކައުންސިލުގެ ފަރާތުން ވެސް ހުށަހެޅި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކޯޒްވޭ ނޭޅި އޮތުމެވެ.
އެ ކަމަށް އަލިއަޅުއްވައިލައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއްް ރަށުން އަނެއް ރަށަށް ގުޅުމާއި، އެއް އަތޮޅުން އަނެއް އަތޮޅަށް ފަސޭހައިން ދަތުރުކުރެވެން ޖެހޭ ކަމަށެވެ.
ދުނިޔޭގެ ތަރައްގީވެފައި އޮތް ގައުމުތަކުން ވެސް އެކަމަށް ކުރެވުނު ފުރަތަމަ ކަމަކީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ މި ރަށާއި ވޭމަންޑޫއާ އެއްފަސްވެގެން ދިއުން ކޯޒްވޭއަކުން. އެ ކަން ޔަގީންކޮށް ހޯދައިދޭނަން ހާސިލްކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ވާހަކައެއް ވެސް ދެއްކެވީ ރައްޔިތުންނަށް އެ ކަމެއް ކޮށްދޭން ބޭނުންވެވަޑައިގަންނަވާތީ ކަމަށެވެ. ކެމްޕޭނުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ވާހަކަތަކުގައި އެއްވެސް އޮޅުވައިލުމެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.
އަދި ވައުދުފުޅާ އެއްގޮތަށް، މަޑިފުއްޓާއި ދިޔަމިގިލި ކޯޒްވޭއާއި، ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭ ހަގީގަތަކަށް ހަދައިދެއްވާނެކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ ކޯޒްވޭއަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައިސް ހަގީގަތަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވީ ކޯޒްވޭއަށް އޮތް ގޮންޖެހުމަކީ ކޯޒްވޭ އަޅާ މަގުގައި 'އެލާ' ނަމަކަށް ކިޔާ ފަޅު ރަށެއް އޮތުންކަމަށެވެ. އެއީ މީގެ ކުރިން ރިސޯޓެއް ހެދުމަށް ނިންމައިފައިވާ ރަށެކެވެ. އެ މައްސަލައަށް ހައްލު ހޯދީ، ރިސޯޓު ނާޅަން ނިންމައިގެންނެވެ.