ތ. ވޭމަންޑޫ އަދި ކިނބިދޫ ގުޅާލަދޭ ކޯޒްވޭގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގައި ނުނިމޭނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވަނީ ކޯޒްވޭ އެޅުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދަކަށް ވާއިރު އެ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށޭނެ ތާރީޚެއް ދަންނަވަން ދަތި ކަމަށެވެ. އަދި އެއީ ރިޔާސީ ވައުދެއް ނަމަވެސް އެ މަސައްކަތް ނުނިމޭނެ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ފެށުނު ނަމަވެސް މުޅި މަޝްރޫއު މި ދައުރު ނިމެންވާއިރަށް ނުނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ތިން ކިލޯމީޓަރުގެ ދިގުމިނުގައި ކޯޒްވޭއަކުން މި ދެރަށް ގުޅުވާލީމައި އަންދާޒާ ކުރެވޭ ބަޖެޓަކީ 522 މިލިއަން ރުފިޔާ. މީޓަރަކަށް އެއް ލައްކަ ހަތްދިހަ ހަތަރުހާސް ރުފިޔަ މި މަސައްކަތަށް ހޭދަވެގެން ދާނެ،"
މި މަސައްކަތް ފެށޭނެ ތާރީޚެއް ނޭނގޭ އެންމެ ބޮޑު އެއް ސަބަބަކީ މިއަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
"އެންމެ ބޮޑު މައްސަލައަކީ 522 މިލިއަން ރުފިޔާ މިކަމަށް ޚަރަދު ކުރުމަށް ބަޖެޓު ނެތުން. މިއަހަރުގެ ބަޖެޓުގައި މިކަމަށް އޮތީ އެއް މިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ފެށޭނެ ތާރީޚެއް ނޭނގުނު ނަމަވެސް ކޯޒްވޭ އެޅުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަށް އޮތް ގޮންޖެހުމަކީ ކޯޒްވޭ އަޅާ މަގުގައި 'އެލާ' ނަމަކަށް ކިޔާ ފަޅު ރަށެއް އޮތުމެވެ. އެއީ މީގެ ކުރިން ރިސޯޓެއް ހެދުމަށް ނިންމާފައިވާ ރަށެކެވެ. އެ މައްސަލައަށް ހައްލު ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ދެރަށް ކޯޒްވޭއަކުން ގުޅާލީމަ، 'އެލާ'ގެ އެއް ފަރާތުން ދާން ޖެހޭނީ. އެހެންވީމަ ރިސޯޓެއް އެތަނުގައި ބާއްވައިގެން މި ދެރަށް ދޭތެރޭގައި ކޯޒްވޭއެއް ނޭޅޭނެ ކަމަށް ގަބޫލު ކުރެވުނީ،"
އެ ރަށުގައި ރިސޯޓު ނުހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.