އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ދަޅަ ދައްކަން ޖަހައިފައިހުރި ކަޑަތައް ހަގީގަތަކަށް ހަދައިިދިނުމަށްޓަކައި ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ހުވަފެން ދެއްކުމަށް މަސައްކަތްތަކެއް ފަށައިފައިިވާ ކަމަށެވެ.
ނަމަވެސް އެ ފަދަ ގިނަ މަސައްކަތްތަކެއް ހުރީ ރަށްރަށުގައި ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އިންތިޚާބު އައިމާ އިންތިޚާބަށް ޓަކައި ދަަޅައެއް ދައްކައިލުމަށް ކަޑަޖަހާ އުސޫލުން މިކަހަލަ ކިތަންމެ ކަމެއް ކޮށްފައި އެބަހުރި. އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެ ކަންކަން ހަގީގަތަކަށް، އެ މަޝްރޫއުތައް ހަދައިދޭން މި ތިބީ އައިސް،" ރައީސް ވިދާޅުވިއެވެ.
ކަނޑޫދޫގައި ވެސް އެ ފަދަ ކަންކަން ފާހަގަވާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މި ރަށުގައި ހުއްޓިފައިހުރި މަޝްރޫއެއް ކަމަށްވާ ފެނާއި ނަރުދަމާގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން ނިންމަވައިދެއްވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ހުއްޓިފައިހުރި މަޝްރޫއުތައް ގިނަވެފައިވަނީ ކުންފުނިތަކުން ބަލައިނުލާ ޚަރަދުކޮށް، އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރިވެ މެނޭޖު ނުކުރެވިގެންކަމަށެވެ.
އެހެންވެ، އެ މަނިކުފާނުގެ ޒައާމަތުގައި ތ. އަތޮޅު 'ރާޑަރުން ކައްސައިލައިފައި އޮތްއޮތުން' ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ މި ދިގު މާޒީގައި މި އަތޮޅު މިހާބޮޑަށް ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް އަޅުގަނޑު ގެނެސްދޭނަމޭ," ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދޭ ކަންކަމަކީ ޝަކުވާގެ ސިފައިގައި ހުންނަ ކަންތައްތަކެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އެ ފަދަ ވާހަކަތަކަކީ ނުވެ ހުރީމާ ރައްޔިތުންގެ ފަރާތުން ފާހަގަކުރާ އެދުންތައް ކަމަށް ވިދާޅުވިއެވެ.