އިސްރާއީލުން ޓެރަރިސްޓް އަމަލުތަކެއް ހިންގަފާނެ: މެލޭޝިއާ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް

ކުއާލަލަންޕޫރު (6 ފެބްރުއަރީ 2024): މެލޭޝިއާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން މެރުމަށްޓަކައި އިސްރާއީލުން މެލޭޝިއާގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަފާނެކަމުގެ ބިރު އެބައޮތް ކަމަށާއި އެފަދަ ޓެރަރިސްޓް އަމަލުތަކާ ކުރިމަތިލުމަށް މެލޭޝިއާގެ އަމަނާ ބެހޭ އިދާރާތައް ފާރަވެރިވެ، ހޭލައި ތިބިކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއިން ގެނެސްދޭ ޕްރޮގްރާމެއް ކަމަށްވާ "އަލްޖަޒީރާ މުބާޝިރު"ގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ މެލޭޝިއާގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ޖާގަ ނުދޭނެ ކަމަށާއި އެ ކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން އަޅާނެ ކަމުގައެވެ.

އަންވަރު ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ލީޑަރުންނާއި އިލްމުވެރިންނާއި ތަޖުރިބާކާރުން މެރުމަށް އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަކީ ދުނިޔޭގެ އެތައް ގައުމެއް ތަޖުރިބާކޮށްފައިވާ ނުރައްކާތެރި އަމަލުތަކެއް ކަމުގައެވެ. އަންވަރު މިހެން ވިދާޅުވެފައިވާއިރު އިސްލާމީ ގައުމެއްކަމަށްވާ ތުރުކީން ވަނީ އެ ގައުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވަމުންދިޔަ ޔަހޫދީ އިސްރާއީލުގެ ގިނަ އަދަދެއްގެ ޖާސޫސީ އެޖެންޓުން ހައްޔަރުކޮށް އެ މީހުންގެ ގެންގުޅުނު އާލާތްތައް އަތުލައިގަތްކަން ދާދި ފަހުން ހާމަކޮށްފައެވެ.

ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންގެންދާ ޒަޔަނިސްޓް އެންޓިޓީއެކެވެ. ލުބްނާނުގައި ދިރިއުޅޭ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ތިން ލީޑަރަކު މިދިޔަ ޑިސެންބަރު މަހު ޓެރަރިސްޓް ހަމަލާތަކެއްގައި ޝަހީދުކޮށްލާފައިވާއިރު އެއީ އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދު" ގެ އަމަލެއްކަމަށް ލުބްނާނުން ވަނީ ތުހުމަތުކޮށްފައެވެ.

ޣައްޒާއާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި ހަމާސް ޖަމާއަތް ބަލިކުރުމުގައި އިސްރާއީލުގެ އަސްކަރިއްޔާ ނުކުޅެދިފައިވާއިރު އެކަން ފޫބައްދައި އިސްރާއީލަކީ ބާރުގަދަ ގައުމެއްކަން ދެއްކުމަށް އިސްރާއީލުގެ އަސްކަރިއްޔާ ކުރާކަމަކީ ޣައްޒާގެ ހަތިޔާރުނެތް އާންމުންގެ ބޮލަށް ބޮންއަޅައި ހާހުން އާންމުން މެރުމެވެ.

ޣައްޒާގެ ހަނގުރާމައިގައި ހަމާސްގެ ކޮމާންޑަރަކު އިސްރާއީލުގެ އަތުގައި ނުޖެހޭތީ އިސްރާއީލުވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ ހަމާސް ޖަމާއަތުގެ ވަކިވަކި ލީޑަރުން އިސްފަރާތްތައް ޝަހީދުކުރާނެކަމުގެ އިންޒާރުތައް ދީފައެވެ.

އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ޣައްޒާގައި އިސްރާއީލު ހިންގަނީ ގަތުލުއާންމެއްކަމަށް ސިފަކުރައްވައި އެ ގަތުލުއާންމު ހުއްޓުވުމަށް އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ބާރުތަކަށް ފިއްތުންތައް ކުރިމަތި ކުރުމުގައި އިސްލާމީ އުންމަތް ނުކުޅެދިފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާ ގެންދަނީ އެމެރިކާއާއި މެލޭޝިއާއާ ދެމެދު އޮންނަ ގުޅުންތަކުގެ ބޭނުންކޮށްގެން ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް މިކަމުގައި އިސްލާމީ މުޅި އުންމަތް އެކަތިގަނޑަކަށްވެގެން އާދަޔާ ޚިލާފަށް ވަރުގަދަ ގޮތެއްގައި މަސައްކަތް ކުރެވޭތަން ނުފެންނަ ކަމަށާއި އެއީ ހިތާމަހުރި ކަމެއްކަމަށް އަންވަރު ވިދާޅުވިއެވެ.

މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވެގެން ޕްރެޝަރު ކުރެވޭނަމަ ނަތީޖާ ނެރުވުނީސްކަމަށް އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ވެސް އިސްލާމީ އުންމަތަށް އެހާ ފުޅާ ދާއިރާއެއްގައި މަސައްކަތް ނުކުރެވޭކަމުގެ ކަންބޮޑުވުން އަންވަރު ފާޅުކުރެއްވިއެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު ފެށި ގަތުލުއާންމުތަކާ ގުޅިގެން މެލޭޝިއާއިން ވަނީ އިސްރާއީލަށް ނިސްބަތްވާ އެއްވެސް އާގު ބޯޓެއް މެލޭޝިއާގައި ބަނދަރުކުރުން މަނާކޮށްފައެވެ.

އިސްރާއީލުގެ އުދުވާނަށް ވާގިވެރިވާ އެމެރިކާގެ މެކްޑޮނަލްސް އާއި ސްޓާބަކް އަދި ކޭއެފްސީ ފަދަ ތަންތަން ބޮއިކަޓް ކުރުމުގެ ހަރަކާތްތަކެއް މެލޭޝިއާގެ އާންމުން އިސްނަގައިގެން އެ ގައުމުގައި ހިންގަމުން ގެންދެއެވެ. މެލޭޝިއާގެ އިތުރުން ދުނިޔޭގެ އެތައް ގައުމެއްގައި ހިންގާ ބޮއިކަޓްގެ ހަރަކާތްތަކުގެ ސަބަބުން މެކްޑޮނަލްސް ފަދަ ޔަހޫދީ ޒަޔަނިސްޓުންނާ ގުޅިފައިވާ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އެ ފަރާތްތަކުން ވެސް އިއުތިރާފުވެއެވެ.

comment ކޮމެންޓް