ސްޕެއިން އިން ޔޫއެންއާރުޑަބްލިއުއޭއަށް އިތުރު އެހީ ދެނީ

ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ ގެ އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ) އަށް އިތުރު 3.8 މިލިއަން ޑޮލަރު ދޭން ނިންމައިފައިވާ ކަމަށް ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވެއްޖެއެވެ.

އެހީގެ ގޮތުގައި 18.5 މިލިއަން ޕައުންޑު 2023 ވަނަ އަހަރުވެސް ސްޕެއިން އިން ވަނީ ޔޫއެންއާރްޑަބްލިޔުއޭއަށް ފޯރުކޮށްދީފައެވެ.

މާލީ ގޮތުން ޔޫއެންއާރްޑަބްލިޔުއޭއަށް އިތުރު އެހީ ދިނުމަށް ސްޕެއިން އިން ނިންމައިފައި ވަނީ އެ އިދާރާއަށް ދެމުން އަންނަ މާލީ އެހީ އެމެރިކާއާއި ޖަރުމަނުވިލާތް ހިމެނޭހެން 15 ގައުމަކުން މެދުކަނޑައިލުމާ ގުޅިގެންނެވެ. އެ ގައުމުތަމުން އެހީ ދިނުން ހުއްޓައިލައިފައި ވަނީ އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ރަށްތަކަށް ދިން ހަމަލާގައި އެ އިދާރާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވުމުންނެވެ.

"ޔޫއެންއާރުޑަބްލިއުއޭގެ މިހާރުގެ ހާލަތު ވަރަށް ދަށް. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އިދާރާއިން ޣައްޒާގައި ހިންގާ އިންސާނީ އެހީ ދިނުމުގެ ޕްރޮގްރާމް ހުއްޓިދާނެ." އަލްބަރޭސް ވިދާޅުވިއެވެ.

ސްޕެއިންގެ އިތުރުން ޕޯޗްގަލުންވެސް ވަނީ ޔޫއެންއާރްޑަބްލިޔުއޭއަށް އެއް މިލިއަން ޔޫރޯގެ އެހީ ފޯރުކޮށްދޭނެ ކަމަށް އިއުލާނުކޮށްފައެވެ.

ޔޫއެންއާރްޑްބަލިޔުއޭއަށް އެހީ ދިނުން ބައެއް ގައުމުތަކުން ހުއްޓައިލުމާ ގުޅިގެން އެ އިދާރާގެ އިސްވެރިޔާ ފިލީޕޯ ލަޓްޒަރީނީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޔޫއާރްޑަބްލިޔުއޭއަށް އެހީ ދިނުން ހުއްޓައިލުމާ ގުޅިގެން ގާޒާގެ އިންސާނީ ނިޒާމު ފުނޑުފުނޑު ވެދާނެ ކަމަށް އދ.ގެ އިސް އޮފިޝަލުންތަކެއް ވަނީ އިންޒާރު ވެސް ދެއްވައިފައެވެ.

comment ކޮމެންޓް