ދުވަސްތަކަކަށް ފަހު ކަރިޝްމާގެ ފިލްމެއް އަންނަ މަހު

ބޮލީވުޑްގެ މަޝްހޫރު ކަޕޫރު ޚާންދާނުގެ ބަތަލާ ކަރިޝްމާ ކަޕޫރު ދިގު މުއްދަތަކަށް ފިލްމީ މަސައްކަތާ ދުރުގައި ހުރުމަށްފަހު އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަ ފިލްމު އަންނަ މަހު ނެޓްފްލިކްސްގައި ރިލީޒް ކުރާގޮތަށް ނިންމައިފިއެވެ. ވަރަށް ބޮޑު ކާސްޓެއް އެކުލެވޭ މި ފިލްމަކީ، މާޑަ މިސްޓްރީއެކެވެ.

ކަރިޝްމާގެ އިތުރުން ޒުވާން ބަތަލާ ސާރާ އަލީ ޚާން، ޑިމްޕަލް ކަޕާޑިއާ، ސަންޖޭ ކަޕޫރު، ވިޖޭ ވަރުމާ އަދި ޕަންކަޖް ތުރިޕާތީ މުހިއްމު ރޯލުތަކުން ފެންނާނެ މި ފިލްމުގެ ނަމަކީ "މާޑަ މުބާރަކް"އެވެ. މި ފިލްމުގެ ކުރު ޓީޒާއެއް ބެލުންތެރިންނާ ހިއްސާ ކުރުމަށްފަހު ކުރިއަށް އޮތް މާޗު މަހުގެ 15ގައި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލަން ނިންމާފައިވާކަން ފިލްމު ގެނެސްދޭ މެޑްޑޮކް ފިލްމްސްއިން ވަނީ ބުނެފައެވެ.

މި ފިލްމަކީ 2021ވަނަ އަހަރު އިންޑިއާގެ ލިޔުންތެރިޔާ އަނުޖް ޗޯހާން ލިޔުނު ފޮތް 'ކްލަބް ޔޫ ޓު ޑެތު' އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމީ ތަރި ކަރިޝްމާ ކަޕޫރު ކޮއްކޮ ކަރީނާ ކަޕޫރާ އެކު-- ފޮޓޯ/އިންޓަނެޓް

މި ފިލްމުގައި ތަފާތު އެކި ޖީލުތަކުގެ މީހުންގެ ވާހަކަ ކިޔައިދޭނެ ކަމަށާއި ފިލްމުގައި ހިމެނޭ ކޮންމެ ފިލްމީ ތަރިއަކަށް ވެސް ކަނޑައެޅުނު ރޯލް ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަމަށް ޑައިރެކްޓަރު ހޯމީ އަދަޖާނިއާ ވަނީ ބުނެފައެވެ.

މި ފިލްމުގެ ކުރިން ކަރިޝްމާ ވަނީ 2020ވަނަ އަހަރު ސްޓްރީމިން ޕްލެޓްފޯމްއަކުން ގެނެސްދިން ވެބް ސީރީސްއަކުން ފެނިފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ބަތަލާ އެއްވެސް ފިލްމީ ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ އަކީ 90ގެ އަހަރުތަކުގެ ތެރޭ ހިންދީ ސިނަމާގައި ރަނިކަން ކުރި ކާމިޔާބު ފިލްމީ ތަރިއެކެވެ.

comment ކޮމެންޓް