ވެސްޓް ހޭމް ބަލިކޮށް، ޔުނައިޓެޑް ތާވަލުގެ ހަވަނައަށް

ޔުނައިޓެޑަށް ދެ ލަނޑު ޖަހައިދިން ގެނާޗޯ މެދުގައި، ފުރަތަމަ ލަނޑު ޖަހައިދިން ހޮއިލުންޑް ވާތް ފަރާތުގައި --- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ވެސްޓް ހޭމް ޔުނައިޓެޑު ބަލިކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 އިންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ 21 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދިޔަ ރަސްމުސް ހޮއިލުންޑެވެ. މި ހާފުގައި ވެސްޓް ހޭމަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އެ ޓީމަށް ލިބިގެންދިޔައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ވެސްޓް ހޭމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 49 ވަނަ މިނެޓްގައި ޔުނައިޓެޑުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކުރުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެހަންޑްރޯ ގެނާޗޯއެވެ. މެޗުގެ 84 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ދެވަނަ ލަނޑު ކާމިޔަބު ކޮށްދިން ގެނާޗޯއެވެ.

މި ނަތީޖާއާ އެކު ޔުނައިޑުން މިހާރު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ތިން މެޗުން މޮޅުވެފައެވެ. ޔުނައިޓެޑް މިހާރު ވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 38 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ.

މެޗުން ބަލިވުމުން ވެސްޓް ހޭމް މިހާރު ވަނީ 36 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައަށް ފަހަތަށް ޖެހިލައިފައެވެ.

comment ކޮމެންޓް