ރަޝިޔާގެ ބޭކަރީއަކަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 28 އަށް

ރަޝިޔާގެ ބޭކަރީއަށް ދިން ހަމަލާގައި މުޅި ބޭކަރީ ވަނީ ސުންނާފަތިވެފައި -- ފޮޓޯ/އަލްޖަޒީރާ

ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ލިސްޗްޗަންކް ސިޓީގައި ހުންނަ ބޭކަރީއަކަށް ޔޫކްރޭނުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާގެ ސިވިލް ޑިފެންސް އިމާޖެންސީސް އެންޑް ޑިޒާސްޓާ ރިލީފުން ބުނެފިއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ޔޫކްރޭނުން ދިން އެ ހަމަލާގެ ވީޑިއޯއެއް ސިވިލް ޑިފެންސް މިނިސްޓްރީން ހޮނިހިރު ދުވަހުގެ ރޭ ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މަރުވެފައިވާ މީހުންނާއި، ޒަޚަމުވެފައިވާ އާންމުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދެއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި އެމެރިކާއިން ފޯރުކޮށްދޭ ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާސް) ބޭނުންކޮށްގެން ޔޫކްރޭނުން އެ އިމާރާތަށް ހަމަލާދިންއިރު އެ އިމާރާތުގެ ތެރޭގައި އާންމުންގެ އެތައް ބަޔަކު ތިއްބެވެ. އަދި، ޔޫކްރޭނުގެ އެ ހަމަލާ ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުން އެއްވެސް ޝަރުތަކާނުލައި ކުށްވެރިކުރާނެ އުންމީދު ކުރައްވާ ކަމުގައި ވެސް ޒަހަރޯވާ ވިދާޅުވިއެވެ.

އެ ކަމާ ބެހޭގޮތުން ޔޫކްރޭނުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއްނުވެއެވެ.

ޔުކްރެއިނުން ހަމަލާދިން ބޭކަރީއަކީ ރޮށި، ޕާން ފަދަ ތަކެތި ގަތުމަށް ލިސްޗްޗަންކުގެ ގިނަ ބަޔަކު ދާ ތަނެކެވެ.

ކުރިން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި ރަޝިޔާ ޔުކްރެއިން ހަނގުރާމަ ނިމުމުގެ ކޮޅުމަތި އަދިވެސް ނުފެނެއެވެ. ހަނގުރާމައަށް ގާތްގަޑަކަށް ދެ އަހަރު ވެފައިވާއިރު، ދެ ގައުމުން ވެސް އަންނަނީ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ރަޝިޔާއިން އެ ސިޓީ ހިފުމުގެ ކުރިން ލިސިޗްޗަންކުގެ އާބާދީއަކީ ގާތްގަނޑަކަށް 110،000 އެވެ. ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް އެ ސިޓީ 2022 ވަނަ އަހަރު ފެށި ހަނގުރާމައަށް ފަހުއެވެ.

comment ކޮމެންޓް