އަވަހަށް ޕާސްޕޯޓް ހަވާލު ނުކުރާނަމަ ހައްޖަށް ނުދެވިދާނެ: ކޯޕަރޭޝަން

ހައްޖުވެރިން އެއާޕޯޓުގައި މެންދުރު ނަމާދު ކުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރު ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ މީހުންގެ ތެރެއިން އަދިވެސް ޕާސްޕޯޓް ހަވާލު ނުކުރާ މީހުންނަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތި ވެދާނެ ކަމަށް, ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް, މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ހައްޖަށް ތައްޔާރުވުމުގެ ގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެ ކޯޕަރޭޝަނުން ކުރަމުންދާއިރު މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހައްޖަށް ދިއުމަށް ފުރުސަތު ލިބިފައިވާ މީހުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓް އަދިވެސް ކޯޕަރޭޝަނާ ހަވާލުކޮށްފައި ނުވުން ކަމަށެވެ.

ހައްޖު ވިސާއަށް މި ހަފުތާގައި ހުޅުވާލާނެކަމަށް އަންގާފައިވާއިރު މި މުއްދަތުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާ ޕާސްޕޯޓް ހަވާލު ނުކުރާ މީހުންނަށް ހައްޖު ވިސާ ލިބުމުގައި ގޮންޖެހުން ތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

"އަދި މި ފަދަ ހާލަތެއް މެދުވެރިވެ ހައްޖު ވިސާ ނުލިބިއްޖެ ނަމަ އެ ފަރާތްތަކަށް ހައްޖަށް ދިއުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ." ޝަކީލް ވިދާޅުވިއެވެ.

މި އަހަރު ހައްޖަށް ދިއުމަށް ކިޔޫގައި ތިބި އެންމެނަށް ހައްޖަށް ދެވޭނެ ކަމަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ފަހުން ވަނީ އިއުލާން ކުރައްވައިފައެވެ.

ރާއްޖެއަށް އާންމު ގޮތެއްގައި ލިބެނީ 1،000 ހައްޖު ކޯޓާ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދަނީ އެކަމަށް އެދި ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބުންނެވެ. މީގެ އިތުރުން ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ގެންދަން މިދިޔަ އަހަރުން ފެށިގެން ވަނީ ފަށައިފައެވެ. އަދި މިއަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން މީގެ ކުރިން ހާމަ ކުރައްވައިފައެވެ. އެގޮތުން ސައުދީގެ ކަމާ ބެހޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ކޮށްފައެވެ.

ހައްޖަށް ދިއުމަށްޓަކައި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ފައިސާ ދައްކައިގެން ކިޔޫގައި އެބަތިއްބެވެ. މީގެ ތެރެއިން ފުރަތަމަ ފަހަރަށް ހައްޖަށް ދާ މީހުންނަށާއި އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް އިސްކަން ދޭ އުސޫލެއް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވައިލައިފައެވެ.

comment ކޮމެންޓް