މި އަހަރު ހައްޖުގެ އަޅުކަން އަދައިކުރަން ކިއުގައި ތިބި އެންމެނަށް އެ ފުރުސަތު ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިކަން ރައީސް އިޢުލާނުކުރެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
"2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަނުގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ،" ރައީސް ވިދާޅުވިއެެވެ.
އަދި މީގެ އިތުރުން ރައީސް ފާހަގަކުރައްވާފައިވަނީ މިއީ ޒަމާންތަކަކަށްފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.
ރާއްޖެއަށް އާންމު ގޮތެއްގައި ލިބެނީ 1،000 ހައްޖު ކޯޓާ ކަމަށްވާއިރު، ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދަނީ އެކަމަށް އެދި ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ތަރުތީބުންނެވެ. މީގެ އިތުރުން ރައީސްގެ ރިޔާސީ ވައުދާ އެއްގޮތަށް ކޮންމެ އަހަރަކު 50 ފަގީރުން ހައްޖަށް ގެންދަން މިދިޔަ އަހަރުން ފެށިގެން ވަނީ ފަށައިފައެވެ. އަދި މިއަހަރު ހައްޖަށް ގެންދާ 50 ފަގީރުން ވެސް މިހާރު ވަނީ ގުރުއަތުން ހޮވައިފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން މީގެ ކުރިން ހާމަ ކުރައްވައިފައެވެ. އެގޮތުން ސައުދީގެ ކަމާ ބެހޭ ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް އިސްލާމިކް މިނިސްޓްރީން ވަނީ ކޮށްފައެވެ.
ހައްޖަށް ދިއުމަށްޓަކައި އެތައް ސަތޭކަ ބަޔަކު މިހާރު ވެސް ފައިސާ ދައްކައިގެން ކިޔޫގައި އެބަތިއްބެވެ. މީގެ ތެރެއިން ފުރަތަމަ ފަހަރަށް ހައްޖަށް ދާ މީހުންނަށާއި އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް އިސްކަން ދޭ އުސޫލެއް މި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވައިލައިފައެވެ.