އަލަވޭސް ބަލިކޮށް، ބާސާ ތާވަލުގެ ތިންވަނައަށް

މިމެޗްގައި ގުންޑޮގާންވަނީ އެއްލަނޑު ޖަހައިދީ އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފަ / ފޮޓޯ: ޑެޓިކްސްޕޯޓް - ޑެޓިކްކޮމް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާއިން އަލަވޭސް ބަލިކޮށް، ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

އަލަވޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ ބާސާއިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އިލްކައި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮބަޓް ލެވަންޑޯސްކީއެވެ. މެޗުގައި ބާސާގެ ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވެދިން ގުންޑޮގާންއެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އަލަވޭސްއިން ވަނީ ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާމޫ އޮމޮރޮޑިއޮންއެވެ. މެޗުގައި ބާސާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ވިކްޓާ ރޮކޭއެވެ.

ނަމަވެސް 18 އަހަރުގެ މި ކުޅުންތެރިޔާ ލަނޑު ކާމިޔާބު ކުރިތާ ނުވަ މިނެޓު ފަހުން ވަނީ ދެވަނަ ރީނޑޫ ކާޑާ އެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މި ނަތީޖާއާ އެކު ބާސާ މިހާރު ވަނީ ކުޅުނު 23 މެޗުން ލިބިފައިވާ 50 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. މެޗުން ބަލިވުމުން އަލަވޭސް އުޅެނީ 26 ޕޮއިންޓާ އެކު 12 ވަނައިގައެވެ.

މި ފަހަރުގެ މުބާރާތުގައި ރެއާލަށް ތާވަލުގެ އެއްވަނައަށް އެންމެ ބޮޑަށް ވާދަކުރަމުންދާ ޖިރޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެ، ރެއާލާއި ޖިރޯނާއާ ދެމެދުގައިވާ ފަރަގު ވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ.

ޖިރޯނާއިން 23 މެޗުން ކުޅެފައިވާއިރު ލިބިފައިވަނީ 56 ޕޮއިންޓެވެ. ރެއާލުން 22 މެޗުން 57 ޕޮއިންޓް ހޯދާފައިވާއިރު އެ ޓީމަށް މި ފަރަގު ހަތަރު ޕޮއިންޓަށް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިގެން ގޮސްފައެވެ.

comment ކޮމެންޓް