އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން މުބާރާތް ބާއްވާ ޤައުމު، ކޯޓެޑިއުއާއިން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ކޯޓެޑިއުއާ ޖާގަ ހޯދާފައިވަނީ ކުއާޓާ ފައިނަލްގައި މާލީއާ ބައްދަލުކޮށް 2-1އިން ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖާއި ރައުންޑް އޮފް ސިކްސްޓީން ބުރުގައިވެސް ވީފަދައިން މިމެޗުން ވެސް ކޮޓެޑިއުއާ ސަލާމަތްވެފައިވަނީ މަރުގެ ތުންފަތްމަތިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު މާލީއިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމުން ވެސް ހަމަހަމަ ކޮށެވެ. މިމެޗުގެ ފެށުން ރަނގަޅުވީ މާލީގެއެވެ.
އެގޮތުން މެޗުގެ 17 ވަނަ މިނެޓްގައި އެޓީމަށްވަނީ ޕެނަލްޓީއެއް ލިބި މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އަޑަމާ ނޯސް ޓްރައޯރޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ވާގޮތެއްނުވިއެވެ. ނަމަވެސް މާލީއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބުނީ މެޗުގެ 43 ވަނަ މިނެޓްގައި ކޯޓެޑިއުއާގެ ޑިފެންޑާ އޮޑިލޯން ކޮސޯނޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި ކޯޓެޑިއުއާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މެޗުގެ ދެވަނަ ހާފުގައި ބޮޑަށް ފެނުނީ ކޯޓެޑިއުއާއިން ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ކުރިއަށްއެރުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. ނަމަވެސް މާލީއިން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 71 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ.
ނެނޭ ޑޯގެލެސް ކާމިޔާބު ކޮށްދިން މިލަނޑާއެކު މިމެޗުން މާލީ މޮޅުވާނެކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވިގެންދިޔައެވެ. ނަމަވެސް ކޯޓެޑިއުއާއިން ހިތްވަރު އެލުވާނުލާ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 90 މިނެޓްގައި ލަނޑެއް ޖަހާ މެޗު އިތުރު ވަގުތަށް ގެންދިއުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސިމޮން އަޑިންގްރާއެވެ.
މިލަނޑާއެކު މުޅި ދަނޑު ގުގުމައިގެންދިޔައިރު ކޯޓެޑިއުއާގެ ކުޅުންތެރިންނަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ކޯޓެޑިއުއާ މޮޅުވި ލަނޑު ޖަހާފައިވަނީ މިމެޗުގެ އިތުރު ވަަގުތަށް އިން 30 މިނެޓްގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރެއިންވެސް އެންމެ ފަހު ސިކުންތު ކޮޅުގެ ކުޅުން ކުރިއަށް ދަނިކޮށެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ 122 ވަނަ މިނެޓްގައި އުމަރު ޑިއަކީޓޭއެވެ. ނަމަވެސް މިލަނޑު ޖެހުމަށްފަހު ޑިއަކީޓޭ ޖާޒީ ބޭލުމާއެކު އޭނާއަށް ދެވަނަ ރިނދޫ ކާޑާއެކު ރަތްކާޑު ދެއްކިގެންދިޔައެވެ. މިއާއެކު އޭނާއަށް ސެމީފައިނަލްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު މިވަނީ ގެންލިގެން ގޮސްފައެވެ. އަދި ރެފްރީގެ ކަށިގަނޑާއެކު މާލީގެ ކުޅުންތެރިން ރެފްރީ ވަށާލައި ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ތެރޭގައި މާލީގެ ހަމާރީ ޓްރައޯރޭއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
މިކާމީޔާބީއާއެކު މިމުބާރާތުގެ ތަށި ތިންވަނަ ފަހަރަށް އަމިއްލަ ފަސްގަނޑުގައި އުފުލާލުމަށް ކޯޓެޑިއުއާގެ ކުޅުންތެރިން ކުރަމުންދާ އުންމީދު އަދިވެސް ކުރިއަށް އެބައޮތެވެ. މިމުބާރާތުގައި ކޯބޯ ވާޑޭ ބަލިކޮށް ދެކުނު އެފްރިކާއިންވެސް ވަނީ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނު އިރުވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ދެކުނު އެފްރިކާގެ ތަރިއަކަށް ވެގެންދިޔައީ އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ކީޕާ ރޮންވެން ވިލިއަމްސްއެވެ.
އޭނާވަނީ ކާބޯ ވާޑޭގެ ހަތަރު ޕެނަލްޓީ މަތަކޮށްފައެވެ. މިޕެނަލްޓީ ޝޫޓް އައުޓް ދެކުނު އެފްރިކާއިން ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. ސެމީފައިނަލްގައި ދެކުނު އެފްރިކާ ބައްދަލުކުރާނީ ނައިޖީރިއާ އާއެވެ. މިދެޓީމުވަނީ 2000 ވަނަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގައިވެސް ވާދަކޮށްފައެވެ. އެފަހަރުގެ މެޗު ދެ ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްފައިވަނީ ނައިޖީރިއާއެވެ.