ރަމަޟާން މަހަށް ފަހު، އަންނަ އޭޕްރީލް މަހުގެ ތެރޭ މިހާރު ހުރި ލޯކަލް މާރުކޭޓު ރޫޅާލާ އެތަނުގައި ޒަމާނީ މާރުކޭޓެއް ބިނާކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު"ގައި، މާރުކޭޓު ވިޔަފާރިކުރާ މީހެއް ކަމަށްވާ އަބްދުﷲ އިބްރާހީމް މަނިކު ވަނީ މިހާރު ހުރި މާރުކޭޓަކީ ކާބޯތަކެތި ވިއްކަން އެދެވިގެންވާ ތަނެއްކަމަށް ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރުމަށް ފަހު ކުއްޔަށް ދޭ މައްސަލައަށް ހައްލެއް ހޯދައިދޭން އޭނާ ވަނީ އެދިފައެވެ.
އެ ހުށަހެޅުން އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީ އެކަށޭނަ ފެންވަރުގައި ހުރި ތަންތަން ނޫންކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެހެންކަމުން މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި، އެ ދެ މާރުކޭޓުގެ ބަދަލުގައި އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެއް އިމާރާތް ކުރަން ސަރުކާރުން ސިޓީކައުންސިލަށް މަގު ފަހިކޮށްދީފައި ވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"...އިމާރާތެއް އަޅާފައި އެތަނުގައި މަސްމާރުކޭޓު ވެސް އަދި ލޯކަލް މާރުކޭޓާ ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ތަކެތި ވެސް ވިއްކޭ ކަހަލަ ޖާގަ ވެސް ހިމެނޭ ގޮތަށް ހަތަރު ބުރީގެ ޒަމާނީ މާރުކޭޓެއް އަޅަން. އަދި ޕާކިން ވެސްއެތާގަ އަޑީގައި ބޭސްމަންޓުގައި ހިމެނޭ ގޮތަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އާ މާރުކޭޓުގެ ގޮޅިތައް ވާނީ މާ ހިތްފަސޭހަ، ސާފުތާހިރު އަދި ޖާގައިގެ ގޮތުން ތަނަވަސް ގޮޅިތަކަކަށް ކަމަށެވެ. އެހެންކަމުން އެ އިމާރާތާއެކު އަބްދުﷲ އިބްހީމް މަނިކުގެ ކަންބޮޑުވުމަށް ހައްލެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މަސައްކަތް ކުރާ ހުރިހާ އެންމެންނާ ގުޅިގެން ގޮޅި ކުއްޔަށް ދިނުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ.
މި މަސައްކަތަކީ ރައީސް މާލޭސިޓީގެ މޭޔަރުކަމާ ހަވާލުވެ ހުންނެވި އިރު ވެސް ކުރަން ނިންމެވި މަސައްކަތެކެވެ. ނަމަވެސް، އޭރު މަސައްކަތް ކުރިއަށް ގޮސްފައެއް ނުވެއެވެ.