ރެއާލް މެޑްރިޑުން ރެފްރީންނަށް ނުފޫޒު ފޯރުވާކަން 'އަނދިރި މީހަކަށް ވެސް އެނގޭނެ' ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ބުނެފިއެވެ.
މީގެ ކުރިން ވެސް ޒަވީ ބުނެފައިވާ ގޮތުގައި ރެއާލަށް ރެފްރީންގެ އެހީތެރިކަން ލިބޭތީ، އެހެން ކްލަބުތަކަށް ލީގު ކާމިޔާބުކުރުމަށް އުނދަގޫތަކެއް ހުންނާނެއެވެ. ރެފްރީންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ބާސާގެ މައްސަލަ ތަހުގީގުކުރަމުން ދިޔަ ނަމަވެސް، ޒަވީ ތުހުމަތުކުރާ ގޮތުގައި ރެފްރީން އަސްލު ތިބީ ރެއާލްގެ ބާރުގެ ދަށުގައެވެ.
"ކޮންމެ ހަފުތާއަކު ރެއާލުން ކުރަމުން އެދަނީ އެ މަސައްކަތް. ރެފްރީންނަށް ރެއާލުން ނުފޫޒު ފޯރުވާ. އެކަން އަނދިރި މީހަކަށް ވެސް އެނގޭނެ. އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެސް ކުރީ ދުވަހު އެ ދެއްކީ އެ ވާހަކަ. އެންމެންނަށް އެބަ އެކަން ފެނޭ،" ނޫސްވެރިންނާ ވާހަކަދައްކަމުން ބާސާގެ ކޯޗު ޒަވީ ބުންޏެވެ.
ބާސާއަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދަނީ ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރެއިރާއާ ހިންގި ފައިސާގެ މުއާމަލާތްތަކުގެ މައްސަލަތަކެވެ. އެ މައްސަލައިގައި ނެގްރެއިރާގެ އިތުރުން ބާސާގެ ކުރީގެ ރައީސުންގެ މައްސަލަތައް ވެސް ދަނީ ތަހުގީގުކުރަމުންނެވެ.
ބާސާގެ ކޯޗު ޒަވީ ބުނީ އެ ކްލަބަށް ރެފްރީންގެ ފަރާތުން އެއްވެސް ފައިދާއެއް ލިބިފައިނުވާ ކަމަށާއި ކްލަބުގެ ކޯޗު ޖޮއާން ލަޕޯޓާ އެ ތުހުމަތުތައް ދޮގުކޮށް ދައްކަމުންދާ ވާހަކަތަކަކީ ވެސް ރަނގަޅު ވާހަކަތަކެއް ކަމަށެވެ.
މިސީޒަނަށްފަހު ބާސާގެ ކޯޗުމާ ދުރަށް ދާން ނިންމައިފައިވާ ޒަވީއަށް ވަނީ ގިނަ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް ރެއާލާއި ބާސާއާ ދެމެދު ދިހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.