ކެންސަރު އަލަށް ޖެހޭ މީހުންގެ ނިސްބަތް، 77 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކޮށްފި

މީހަކު ކެންސަރަށް ފަރުވާ ހޯދަނީ: ކެންސަރު އަލަށް ޖެހޭ މީހުންގެ ނިސްބަތް، ކުރިއަށް އޮތް އަހަރުތަކުގައި 77 އިންސައްތަ އިތުރުވާނެ ކަމަށް ޑަބްލިޔުއެޗްއޯއިން ލަފާކުރޭ -- ފޮޓޯ/ އެޑޯބް

ދެހާސް ފަންސާސް ވަނަ އަހަރު ކެންސަރު ބަލި އަލަށް 35 މިލިއަން މީހުންނަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 77 އިންސައްތައިގެ އިތުރުވުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީީ 2022ގައި ކެންސަރު އަލަށް ޖެހުނީ ގާތްގަނޑަކަށް 20 މިލިއަން މީހުންނަށް ކަމަށާއި 2050ގައި އެ އަދަދަށް 4.8 މިލިއަން އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަ (އައިއޭއާރުސީ) އިން ބުނި ގޮތުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދުންފަތާއި ބަނގުރާ ބޭނުންކުރުމާއި ފަލަވުމާއި ވައި ތަޣައްޔަރުވުން ވެސް ހިމެނެއެވެ.

"ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކެންސަރު ބައްޔަކީ ދުވަސްމީހުންގެ އާބާދީ އިތުރުވުމާއި، އިންސާނުންގެ ދިރިއުޅުމަށް އަންނަ ނުރަނގަޅު ބަދަލުތައް ދައްކައިދޭ ކަމެއް." ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައިވެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެނީ އެންމެ ބޮޑަށް ތަރައްގީވެފައިވާ ގައުމުތަކުގައެވެ.

ނަމަވެސް ނިސްބަތުން ބަލާއިރު، އެ ބަލި ޖެހޭ މީހުން އެންމެ ގިނަވާނީ އދ.އިން ބޭނުންކުރާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި)ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ. އެގޮތުން އެ ނިސްބަތް 142 އިންސައްތައަށް އިތުރުވާނެ ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.

comment ކޮމެންޓް