އެމްއެންޔޫގެ ކްލިނިކަލް ސައިކޮލޮޖީ މާސްޓާސް ކޯސް؛ ދާއިރާއިން ގާބިލު މީހަކަށް ވުމަށް ފަހި ފުރުސަތެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ- ސަން ފޮޓޯ- އިބްރާހިމް އިފާޒް

ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން މާސްޓާސް ހެދުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާލާފައިވާއިރު، ނަފުސާނީ ސިއްހަތުގެ ދާއިރާއިން ގާބިލު މީހަކަށް ވުމަށް މި ކޯހުން ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

މި ކޯހާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްގެ ލެކްޗަރާ މަރިޔަމް އިފްޝާން އަހުމަދު ވިދާޅުވީ, ނަފުސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތް ކުރާ ގާބިލު ދަރިވަރުންތަކެއް ކޯހުގެ ތެރެއިން ނެރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޯސް ނިންމާ ދަރިވަރުންނަށް ހެލްތު މިނިސްޓްރީގެ ދަށުގައި އޮންނަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރެޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ފުރުސަތުގެ ތެރެއިން ދަރިވަރުންނަށް ލިބޭ ޚާއްޞަ ލައިސަންސް އއްގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތަކުގައި، ސުޕަވައިޒަރެއްގެ ލަފާގެ ދަށުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އިފްޝާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުޖުތަމައުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގައި އެ ކޯހުގެ ދަރިވަރުންނަށް އިސް ރޯލެއް އަދާކުރެވޭނެ ކަމަށެވެ.

"ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވިދާނެ އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެ. ދިރާސާތައް ހެދުމަކީވެސް އެކުދިންނަށް ކުރެވޭނެ ކަމެއް. އަދި އެކުދިންނަށް ލިބިފައި ހުރި މައުލޫމާތުގެ އަލީގައި އެހެން މީހުންނަށް ކިޔަވައިދިނުމަށް ލެކްޗަރާއަކަށް ވެސް އުޅެވޭނެ،" އިފްޝާން ވިދާޅުވިއެވެ.

އެ ކޯހުގެ ތެރެއިން، ނަފްސާނީ ބަލިތައް ދެނެގަންނާނެ ގޮތާއި ބަލިތަކުގެ ފަރުވާގެ އިތުރުން ނަފްސާނީ ބަލިތައް ދެނެގަތުމަށް އެސެސްމަންޓުތައް ހަދާގޮތް ދަސްކުރުމަށް ޕްރެކްޓިކަލްގެ ބައިތައް ކިޔަވައިދޭނެއެވެ. އެ އެސެސްމަންޓުތަކުގެ މަސައްކަތް ކުރާނީ އެމްއެންޔޫގައި ގާއިމުކޮށްފައިވާ ސައިކޮލޮޖީ ލެބުގައެވެ.

އެމްއެންޔޫގެ މި ކޯހާއެކު، މި ދާއިރާއިން ރާއްޖޭގައި ތިބެގެން އިތުރަށް ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިވެ، ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާ އިތުރަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށް އިފްޝާން ވިދާޅުވިއެވެ.

https://www.sun.mv/188071

އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި ކްލިނިކަލް ސައިކޮލޮޖީ ދާއިރާއިން މާސްޓާސް ޑިގްރީ ކޯހެއް ތައާރާފުކުރީ، ބެޗެލާސް ނިންމާފައިވާ ދަރިވަރުންގެ މެދުގައި އެ ދާއިރަށް އޮތް ޝައުގުވެރިކަމެއްގެ ސަބަބުންނެވެ. އެގޮތުން އެމްއެންޔޫއިން ހެދި ސާވޭއަކުން އެ ޑިގްރީއަށް ޝައުގުވެރިކަން އޮތް މިންވަރު އެނގުނު ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެ ކޯހަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް