ޗެލްސީ ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް

ލިވަޕޫލަށް އެއް ލަނޑު ޖަހާދީ ދެ ލަނޑު ޖެހުމަށް އެހީތެރިވެދިން ބްރެޑްލީ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ / ފޮޓޯ: ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ޗެލްސީ ބަލިކޮށް، އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔަބު ކޮށްފައިވަނީ ހީކުރިވަރަށް ވުރެ ފަސޭހަކަމާ އެކު 4-1 އިންނެވެ.

މެޗުގައި ލިވަޕޫލުން 28 ހަމަލާ އުފެއްދިއިރު ޗެލްސީއަށް އުފެއްދިފައިވަނީ ހަތަރު ހަމަލާއެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މި ލަނޑު އެ ޓީމުން ކާމިޔަބު ކޮށްފައިވަނީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ކޯނޯ ބްރެޑްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިއޮގޯ ޖޮޓާއެވެ. މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 39 ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމަށް އެހީތެރިވެދިން ބްރެޑްލީއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހައިދިނީ ޑޮމިނިކް ސޮބޯޒްލާއިއެވެ. ޗެލްސީން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓޮފާ އެންކުންކޫއެވެ. ލިވަޕޫލުން މިމެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ޖަހައިދިނީ ލުއިސް ޑިއާޒްއެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު އޮތީ 22 މެޗުން ލިބިފައިވާ 51 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑަކާ އެކުއެވެ. އަދި، ޗެލްސީ އޮތީ 31 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގައެވެ.

comment ކޮމެންޓް