ޕޫޓިން ތުރުކީވިލާތަށް ވަޑައިގަންނަވަނީ

ރަޝިޔާގެ ރައީސް ވުލަމިޑިއާ ޕުޓިން (ކ) އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން (ވ). ފޮޓޯ/ރޮއިޓާސް

ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން މި މަހުގެ 12 ވަނަ ދުވަހު ތުރުކީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެ ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައިސް ރަޖަބް ޠައްޔިބު އުރުދުޣާންއާ ޕުޓިންއާ ބައްދަލުކުރައްވާނެއެވެ.

އެ ދަތުރުފުޅުވެގެންދާނީ 2022 ވަނަ އަހަރު ރަޝިޔާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ނޭޓޯގެ މެންބަރު ގައުމަކަށް ޕުޓިން ވަޑައިގަންނަވާނެ ފުރަތަމަ ގައުމެވެ.

ޔޫކްރޭންގެ ކުޑަ ކުދިންތަކެއް އެ ކުދިންގެ ބެލެނިވެރިންގެ ހުއްދައާނުލައި ރަޝިޔާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއްގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން ޕުޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ފަހުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޕުޓިން ރަޝިޔާއިން ބޭރަށް ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. އެ ތުހުމަތުތައް ރަޝިޔާއިން ވަނީ ދޮދުކޮށްފައެވެ. އަދި ރަޝިޔާއަކީ އައިސީސީގެ މެބްބަރު ގައުމެއް ނޫން ކަމުން އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަނެއްކޮޅުން ތުރުކީވިލާތަކީ ވެސް އައިސީސީގެ މެންބަރު ގައުމެއް ނޫން ކަމުން ޕުޓިންއަށް އެއްވެސް ބިރެއްނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެއެވެ.

ރަޝިޔާ ޔުކްރޭން ހަނގުރާމަ ފެށި ފަހުން ތުރުކީވިލާތުން އަންނަނީ ދެ ގައުމާ އެކު ވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ.

comment ކޮމެންޓް