ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭހެއް ފެނި ޖުމްލަ އަދަދު 5 އަށް

ގއ. ވިލިނގިލި -- ފޮޓޯ/ޖަމްޝީދު އަލީ

ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ، ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ގއ. ވިލިނގިލިން ފެނި ޖުމްލަ އަދަދު ފަހަކަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު ވިލިނގިލިން އިތުރު ކޭހެއް ފެނިިފައިވާކަމަށެވެ.

އެއާއެކު ބަލި ފެތުރުން، މަދުކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވައިލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ވިލިނގިލިން މި އަހަރުގެ މިހާތަނަށް ފެނުނު ފަސްވަނަ ކޭހެވެ.

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެ ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެންދެއެވެ.

އެ ބަލި ޖެހުމުން ތުއްތު ކުދިންގެ ފަރާތުން އިތުރު އަލާމާތްތައް ފެނިދާނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، ބަލީގައި މާ ބޮޑު އަލާމާތްތަކެއް ނުފެނިދާނެއެވެ.

comment ކޮމެންޓް