ހަތިޔާރާއެކު ދޯންޏަށް އެރި ސިފައިން ދެގަޑިއިރު ފަހުން ފައިބައިފި

ބޭރުގެ ސިފައިން އެރި އަސުރުމާ 3 -- ފޮޓޯ: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯނިތަކަކަށް ހަތިޔާރާއެކު އެރި ސިފައިން، ދެ ގަޑިއިރު ފަހުން ފައިބައިފި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިރޭ ބުނެފިއެވެ.

މިކަމާ ގުޅިގެން އެ ޔޫނިއަންގެ ފަރާތުން އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ޔޫނިއަންގެ ސަމާލުކަމަށް މިކަން އައީ އެ ދޯނިން ގުޅާ އެކަން ހިއްސާކުރުމުން ކަމަށެވެ.

"އެވަގުތު އެ ބޭފުޅުން ވަނީ ކޯސްޓްގާޑަށް ވެސް އެކަން ރިޕޯޓު ކޮށްފައި،" ޔޫނިއަނުން ބުންޏެވެ.

ޔޫނިއަނުން ބުނީ، ހަތިޔާރާއެކު ތިބި ސިފައިން އަރައިފައިވަނީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން ދޯންޏަކަށް ކަމަށެވެ. އެއީ "އަސުރުމާ 3"، "ނެރު 7" އަދި "މާހޯރަ 3" އަށްކަމަށް ޔޫނިއަނުން ބުންޏެވެ.

ދޯނީގެ ކެޔޮޅާ ހަވާލާދީ ޔޫނިއަނުން ބުނީ، "އަސުރުމާ 3" ދޯންޏަށް ފުރަތަމަ އެރީ ހަތަރު ސިފައިން ކަމަށެވެ. އެއަށްފަހު އިތުރު ދެ ސިފައިން އެރިކަމަށް ޔޫނިއަނުން ބުންޏެވެ.

ސިފައިން މަަސައްކަތް ކުރީ ދޯނީގައި ބޭނުންކުރާ ސެޓެލައިޓު ފޯނުގެ ނަމްބަރު ހޯދަން ކަމަށާއި އެ ވަގުތު ދޯނީގެ ކެޔޮޅު މަސައްކަތް ކުރީ ކޯސްޓް ގާޑަށް ގުޅައިގެން އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ޔޫނިއަނުން ވަނީ ބުނެފައެވެ.

"އެ ބޭފުޅުންނަށް ނަމްބަރު ހިއްސާކުރަން ޖެހޭނެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ. އެހެންވީމަ އެ ނަމްބަރެއް ނުދޭ،" ޔޫނިއަނުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ބޭރު ސިފައިން ދޯނީން ފޭބުމާއެކު އެ ދޯނިތައް މިހާރު މަސްވެރިކަމަށް އަނބުރާ ގޮސްފައިވާކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އެއްވެސް ނުރައްކަލެއް ނެތްކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަަށް ވެސް ޔޫނިއަން އިން "ސަން"އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާ ގުޅިގެން މިއަދު އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރައިފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ، މިކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އަސުރުމާ-3 ދޯންޏަށް ސިފައިން އެރީ އެ ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް