މަސްދޯންޏަށް ބޭރު ސިފައިން އެރުން, މިއީ ކުރީ ސަރުކާރުން ދިވެހިން އަޅުވެތިކުރި މިންވަރު: ޚަލީލް

ފެބްރުއަރީ 20، 2018: ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން. މިހާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް މިއަދު ބޭރުގެ ސިފައިންތަކެއް އެރުމުން ދޭހަ ވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރުވައި އަޅުވެތިކޮށްފައިވާ މިންވަރު ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފާއިތުވާ ކޮންމެ ދުވަހަކު ވެސް ހާމަވަނީ ދިވެހީންގެ ރާއްޖެ އަނބުރާ ދިވެހީން ހޯދަން ކުރަންޖެހިފައި އޮތް މަސައްކަތް ގިނަކަން ކަމަށެވެ.

އެހެންކަމުން އަންނަ މާޗްމަހު ބާއްވާ މަޖިލިސް އިންތިޚާބުން އެމްޑީޕީ ބޮޑުތަނުން ބަލިކުރުން ނޫން ގޮތެއް ނެތް ކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ.

މިއަދު އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރައިފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އެ މައުލޫމާތު ހިއްސާކުރުމުގެ ކުރިން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއް ކައިރިއަށް އިންޑިއާގެ މަނަވަރެއް މަޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ ޔޫނިއަންއިން ބުނި ގޮތުގައި، އިންޑިއާގެ މަނަވަރުގައި ތިބި އެގައުމުގެ ސިފައިން ދޯންޏަށް އަރައިފައިވާ ކަމަށް ޔޫނިއަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ ސިފައިން މަސްދޯންޏަށް އަރާ ފަޅުވެރިންނާ ސުވާލު ކޮސްފައި ވާކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ަކމަސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އެމްއެންޑީއެފުން މިހާރު ދަނީ ބަލަމުންނެވެ.

comment ކޮމެންޓް