ސީޒަނުގެ ކުރީކޮޅު ވެސް އިސްތިއުފާދޭން ވިސްނިން: ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ -- ފޮޓޯ/ ގެޓީ

ހިދުމަތްތައް ބަލައިނުގަންނާތީ ސީޒަނުގެ ކުރީކޮޅުވެސް އިސްތިއުފާދިނުމަށް ވިސްނާފައިވާނެ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި ވިޔަރެއާލް އަތުން 5-3ގެ ނަތީޖާއަކުން ބާސާ ބަލިވި މެޗަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާކަން ޒަވީ ވަނީ އިއުލާންކޮށްފައެވެ. މިސީޒަން ނިމުމާއެކު ކްލަބު ދޫކޮށްލާނެ ކަމަށް ޒަވީ އިއުލާންކޮށްފައިވާއިރު، އޭގެ ކުރިން ވެސް އެ ހިޔާލު ގެންގުޅެފައިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއީ ނަފުސާނީ އަދި ފުޓުބޯޅައިގެ މައްސަލައެއް. ފެއިލްވާ ނަމަ، ޓީމުގެ ކުޅުމަށް އޭގެ އަސަރުކުރާނެ. ނަފުސާނީގޮތުން އޭގެ އަސަރުތައް ކުރާނެ. އެހެންވެގެން އަހަރެން ކްލަބު ދޫކޮށްލަން ނިންމީ. އަހަރެމެންގެ މަސައްކަތް ބަލައިނުގަންނަކަމުގެ އިހުސާސްކުރެވޭތީ ސީޒަންގެ ކުރީކޮޅުގައި ވެސް ކްލަބު ދޫކޮށްލަން އަހަރެން ވިސްނާފައިވާނެ،" ސްޕެނިޝް ލަލީގާގައި މިއަދު އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ބާސާގެ ކޯޗު ޒަވީ ބުންޏެވެ.

ޒަވީ ބުނީ މިސީޒަނުގައި ކުރިއަށްދާން ބޭނުން ނަމަ، ކުރިއަށްހުރި މެޗުތަކަށް ވިސްނަން ޖެހޭ ކަމަށާއި ލަލީގާ އާއި ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ނަތީޖާތައް ހޯދުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ބާސާގެ ކޯޗުކަމުގެ މަގާމަކީ ވަރަށް އުނދަގޫ މަގާމެއްކަން މާޒީއަށް ބަލައިލުމުން ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ.

ބާސާއާ 2021 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި ޒަވީ ވަނީ އެ ކްލަބަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްދީފައެވެ. ޒަވީ އަދި ބާސާއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖަކީ އެ ކްލަބަށް ކުރިމަތިވެފައިވާ ފައިސާގެ މައްސަލަތަކެވެ.

comment ކޮމެންޓް